ކުޅިވަރު

ސަޕޯޓަރުން ޖަރުމަނަށް ކުރި އިތުބާރު މިހާރު ބޮޑުވާނެ: ނާގަލްސްމަން


ޔޫރޯގެ ފުރަތަމަ މެޗުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްކޮޓްލެންޑް އަތުން މޮޅުވި މެޗަށްފަހު ދެއްކި ވާހަކައިގައި، ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ވަނީ ރޭގެ މެޗަށްފަހު އޭނާގެ ޓީމާ މެދު ސަޕޯޓަރުން ކުރާ އުއްމީދުތަކާ އިތުބާރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ.

"މުބާރާތަށް ނިކުތްއިރު ސަޕޯޓަރުންގެ ފަރާތުން އޮތް އިތުބާރު މިހާރު ކުރިއަށްވުރެ ބޮޑުކަމަށް ގަބޫލުކުރެވޭ،" ނާގަލްސްމަން ބުންޏެވެ.

މެޗަށްފަހު ބޭއްވި ޕްރެސްގައި، ނާގަލްސްމަން ބުނީ، މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި ޖަރުމަނުން މޮޅު ކުޅުމެއްދެއްކި ކަމަށާއި، ފެށިގެންވެސް ސްކޮޓްލެންޑުން ކުޅުނީ ވަރަށް ބޮޑަށް އެމީހުންނަށް އިހުތިރާމްކޮށްގެން ކަމަށެވެ.

ނާގަލްސްމަން ބުނީ، ފުރަތަމަ ގޯލަކީ ވަރަށް މޮޅު ގޯލެއް ކަމަށާއި، ސްކޮޓްލެންޑްގެ އެހާ ގިނަ ކުޅުންތެރިންގެ ތެރެއިން އެ ގޮތަށް ބޯޅަ ފޮނުވާލައިގެން ލަނޑެއްޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"އިންޑިވިޖުއަލީ ވަކި ކުޅުންތެރިއެއް ފާހަގަކުރަން ބޭނުމެއް ނެތް. އެންމެ މުހިއްމު ކަމަކީ ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކުން." ނާގަލްސްމަން ބުންޏެވެ.

ނާގަލްސްމަން ފާހަގަކުރި ގޮތުގައި، އެ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރަނީ ދެން ހުރި ކުޅުންތެރިޔާގެ މަސައްކަތް ފަސޭހަކުރުމަށް ކަމަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖަރުމަނުގެ ޒުވާން ތަރި، ޖަމާލް މުސިއާލާ ބުނީ، ރޭގެ މެޗަށް ނިކުތްއިރު ކޮންމެވެސް ވަރަކަށް ޕްރެޝަރު އޮތް ކަމަށެވެ. އެކަމަކު، މިހާ ބޮޑު މޮޅެއް ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

މުސިއާލާ ބުނީ، ބައިކޮޅަށް ލަނޑެއް އެގޮތަށް ވަނުމުން ހިތާމަކުރާ ކަމަށާއި، އެހެން ނޫން ނަމަ، މުޅި މެޗު ފެނުނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އަދި ފުރަތަމަ މެޗުން ބޮޑު މޮޅެއް ލިބުނަސް، ކުރަމުންދާ މަސައްކަތްތައް ކުރިއަށްގެންގޮސް ދެން އޮތް މެޗު ކާމިޔާބުކުރުމަށް މިހާރަށްވުރެ ބުރަކޮށް މަސައްކަތްކުރާނެ ކަމަށް މުސިއާލާ ބުންޏެވެ.

ޓޮނީ ކްރޫސްގެ މުހިއްމުކަމާ ބެހޭގޮތުން ދެއްކި ވާހަކައިގައި މުސިއާލާ ބުނީ، "ޓޮނީ އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ބިލްޑް-އަޕް ޕްލޭގެ އިތުރުން އިލްކާއީ އަދި ގޭމްގެ ތެރެއަށް ވެއްދުމަށް އޭނާގެ ދައުރު ބޮޑު ކަމަށެވެ.