ކުޅިވަރު

ޖަރުމަނުގެ އުއްމީދުތައް ވިއްސިވިހާލި ކޮށްލަން ސްކޮޓްލަންޑް ޖެހިލުމެއްނުވާނެ


ބަޔާން މިއުނިކްގެ އެލިއާންޒް އެރީނާ އަށް މީގެ ކުޑައިރުކޮޅެއް ފަހުން ޖަރުމަނާއި ސްކޮޓްލޭންޑް އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ އެދެމުން ނުކުންނާނީ ޔޫރޯ ފުޓްބޯޅަ މުބާރާތް 2024 ފަށައިދިނުމަށެވެ. އަމިއްލަ ގައުމުގައި މުބާރާތް ކުޅުމަކީ ހުރިހާ ގޮތަކުން ވެސް ޖަރުމަނަށް ލިބޭނެ ހާއްސަ އުފަލެކެވެ. އެމީހުންނަކީ ފުޓްބޯޅަގެ ދުނިޔޭގައި އެންމެ ފުންނާބު އުސް އެއް ގައުމެވެ. އެކަމަކު ޖަރުމަނުގެ ސަޕޯޓަރުން އެދަނީ ވާނެ ގޮތަކާމެދު ސުވާލު އުފައްދަމުންނެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރި ފަހުން ޖަރުމަނަށް ފުޓްބޯޅަ މުބާރާތްތަކުގައި ކާމިޔާބު ލިބިފައިނުވާތީވެ ގިނަ ބަޔަކު އެ ތިބީ ފޫހިވެފަ އެވެ. ކިރިޔާ ވެސް އެމީހުންނަށް އުއްމީދެއް ލިބުނީ މާޗު މަހު ފްރާންސާއި ނެދަލޭންޑްސް އަތުން މޮޅުވުމުންނެވެ.

އެންމެ ފަހުގެ ދެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި ހަނދާން ޖަރުމަނު މީހުންނަށް މިހާރު ވެސް ސިފަކުރެވޭ ކަހަލަ އެވެ. މިފަހަރު އެދަފަ ނަތީޖާއެއް ތަކުރާރުވިޔަ ނުދޭން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ތަކުރާރުކޮށް ބަލިވަމުންދިޔަ ޓީމުގެ ކޯޗު ކަމުން ހަންސީ ފްލިކް ވަކިކުރުމެވެ. މިއަށްފަހު ކޯޗުކަންދިނީ އުމުރުން 36 އަހަރުގެ ކޯޗަކީ ޒުވާން ހޫލިއަން ނާގަންސްމަންއަށެވެ.

އޭނާ ތައްޔާރުކުރަމުން އަންނަ ޓީމުގައި ގިނަ ބަޔަކު ސުވާލު އުފައްދާ ހަމައެކަނި މަގާމަކީ ގޯލްކީޕަރު މަގާމެވެ. ނާގަލްސްމަންގެ އެއްވަނަ ހޮވުމަކީ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ އެވެ. ޖަރުމަނުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މީގެ 10 އަހަރު ކުރިން ވޯލްޑްކަޕް ހޯދައިދިން ނޯޔާ އަށް ފުރަތަމަ 11 އިން ޖާގަ ދިނުމަކީ ނާގަލްސްމަން ހަދާ ބޮޑު ގޯހެކެވެ. ސަބަބަކީ ގާތްގާތުގައި ދިމާވި އަނިޔާގެ މައްސަކަތަކަކަށް ފަހު ނޯޔާ އަތުން ބޮޑެތި ގޯސްތަކެއް ހެދެމުންދާތީ އެވެ. އެންމެ ފަހުގެ ވޯލްޑްކަޕުން ޖަރުމަނު ކެޓީ ވެސް އޭނާ ހެދި ގޯސްތަކެއްގެ ސަބަބުންނެވެ. މި ހަނދާން ޖަރުމަނު ސަޕޯޓަރުންނަށް އޭނާ ވަނީ ޔޫރޯގެ ކުރިން އާކޮށްދީފަ އެވެ. ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްދާން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ރެއާލް މެޑްރިޑްގެ ހޮސެލޫ ގޯލު ޖަހައި މުޅި މެޗު އަނބުރާލީ ނޯޔާ ހިފަން އުޅުނު ބޯޅައެއް އަތުން ދޫވި ދަނޑިވަޅު ބަލާފަ އެވެ. ޖަރުމަނުގެ އެއްވަނަ ކީޕަރުގެ މަގާމަކީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ވެސް ބަހުސްކުރެވޭ ކަމެކެވެ. ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ރަނގަޅު ފޯމެއްގައި ކުޅެ މޮޅު ސޭވްތަކެއް ކުރާތީވެ މިހާރުގެ އެއްވަން ކީޕަރަކީ އޭނާ ކަމަށް ދެކޭ މީހުން ގިނަ އެވެ. މިހެންވެ އެއް ބަޔަކު ބުނަނީ ނޯޔާގެ މައްޗަށް ނާގަލްސްމަނަށް ވެސް ފުރިހަމަ ބާރެއްނެތް ކަމަށެވެ.

އެކަމަކު މިއީ މުޅިން ރަނގަޅު ލަފައެއްނޫނެވެ. ނޯޔާ އަތުން އަންގި އަތުލަން ނާގަލްސްމަނަށް ނުކެރުނަސް އޭނާ ވަނީ ޓީމުގެ ކެޕްޓަންކަން ނަގައި އިކާއީ ގުންޑޮގަން އަށް ދީފަ އެވެ. މިއީ ވެސް އެއްބަޔަކަށް މައްސަލައެކެވެ. ސަބަބަކީ ދާދި ފަހުން ޖަރުމަނުގައި ކުރެވުނު ދިރާސާއެއްގައި އެ ގައުމުގެ ގިނަ ބަޔަކު ދޮން ނަސްލުގެ މީހުން ގައުމީ ޓީމުގައި ތިބެން ބޭނުންވާ ކަމަށް ބުނުމުންނެވެ. ގުންޑޮގަން އަކީ ތުރުކީ ދަތިކޮޅުމީހެކެވެ. އޮރިޖިނަލް ދޮން މީހެއްނޫނެވެ.

ހިލާފު އުފެދިފައިވާ މިފަދަ ކުދިކުދި ކަންކަން ހުއްޓަސް ޖަރުމަނު ޓީމަކީ މިހާރު ކުރިއަށް ވުރެ ވަރުގަދަ ޓީމެކެވެ. ޓީމުގައި ޒުވާން ހުނަރުވެރިން އަދަދު ގިނަ އެވެ. ފަހަތުގައި އެންޓޯނިއޯ ރުޑިގާ ލީޑްކުރާއިރު އޭނާގެ ކުރިމަތިންނާއި އަރިމަތިން ޓޯނީ ކްރޫސް އާއި ހޯޝުއާ ކިމިޗަކީ ޓީމު ލައްވައި ބޭނުން ގޮތަކަށް ކުޅުވައިދޭނެ މޮޅު ދެ މިޑްފީލްޑަރުންނެވެ. އެޓޭކިންގައި ގުންޑޮގަން، ތަޖުރިބާއާއެކު ކުޅެމުންދާއިރު ފްލޯރިއަން ވާޓްސް އާއި ޖަމާލް މުސިއާލާ އަކީ ދުވެލިބާރު ގޯލާ ރައްޓެހި ޒުވާން ފަހުލަވާނުންނެވެ. އެންމެ ކުރީގައި ކައި ހަވަރޓްސް ގޯލު ނުޖެހިދާނަމަ، ފުލްކްރޫގް މިހާރު ވެސް ހުރީ ދަނޑަށް ނުކުންނަން ތައްޔާރަށެވެ. މިހެންވެ ޖަރުމަނުގެ ޓީމަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ، އިދިކޮޅު ޓީމުތަކަށް ރޫޅާލަން އެހާ ފަސޭހަ ނުވާނެ އެވެ.

ސްކޮޓްލޭންޑަކީ ވަރަށް ބޮޑަށް އިނގިރޭސި ކުލަ ޖެހިފައިވާ ޓީމެކވެ. މި ޓީމުގައި ގިނައިން ތިބީ ޕްރެމިއާ ލީގުގެ ހުނަރުވެރިންނެވެ. މުޅި ޓީމުގެ ފެންވަރު އެހެން ހުރިހާ ފަހަރަކަށްވުރެ ރަނގަޅެވެ. މި ފަހަރު ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް އުފާވެރި ހަނދާންތަކެއް ރައްކާކުރެވިދާނެ ކަމަށް ކުޅުންތެރިންނާއި ކޯޗު ސްޓީވް ކްލާކް ވެސް ގަބޫލުކުރަނީ މިހެންވެ. ސްކޮޓްލޭންޑްގެ ގޯލްކީޕަރު ޕޮޒިޝަނާއި ކަނާތުބެކްގެ މަގާމަކީ ޓީމުގެ އެންމެ ބޮޑު ބަލިފަ އެވެ. މެދުތެރޭގައި ޕްރެމިއާ ލީގުގެ ނުފޫޒުގަދަ މިޑްފީލްޑަތުން ތިބިއިރު ވާތުބެކް އަދި ކެޕްޓަން އެންޑީ ރޮބަޓްސަން އަކީ ޓީމު ހަމަލާތަކުގެ މައި އިންޖީނެވެ. ނަމަވެސް ނިންމާލާނެ ފޯވަޑެއްގެ މައްސަލަ އަކީ ސްކޮޓްލޭންޑުން އަދިވެސް ހައްލުނުކުރެވި އޮތް ކަމެކެވެ.

އަނެއްކޮޅުން ބޮޑު މުބާރާތެއް ފަށަން ނުކުތުމަކީ ސްކޮޓްލޭންޑަށް އުފާވެރި ހިތި ހަނދާންތަކެއް ގެނުވާ ކަމެކެވެ. 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ހުޅުވަން ނުކުމެ ސްކޮޓްލޭންޑް ބަލިވީ އޭރުގެ ދިފާއީ ޗެމްޕިއަން ބްރެޒިލް އަތުންނެވެ. ނަމަވެސް އޭގެ 24 އަހަރު ފަހުން މަންޒަރު ބަދަލުކޮށް، ޖަރުމަނު އުއްމީދު ވިއްސިވިހާލި ކޮށްލަން އެމީހުން ތިބީ އެކުލުންތެރި ވިސްނުމެއްގަ އެވެ. ހުނަރާއި ތަޖުރިބާ އާއި ޒުވާންކަމަށް ބަލާއިރު މިއީ ނުވާވަރުގެ ކަމެއްނޫނެވެ.