ކުޅިވަރު

ސްޕެއިން: ތައްޓަށް ފަރިވަމުން އަންނަ މޮޅު ޓީމެއް


ސްޕޭން އޮތީ އެޓްލާންޓިކް ކަނޑާއި މެޑިޓަރޭނިއަން ކަނޑު ބެދޭ އަނގޮޅިއަށް ވާގޮތަށެވެ. 16 ވަނަ ގަރުނުގައި އެއީ ދުނިޔޭގެ އެންމެ ގަދަ ބާރެވެ. އަދި 19 ވަނަ ގަރުނާ ހަމައަށް ކަނޑުމަތީގެ އެންމެ ވަރުގަދަ ފްލީޓް އޮތީ ވެސް އެމީހުންގެ އަތުގަ އެވެ. 1975ގެ ފަހުން ޑިމޮކްރަސީއަކަށް ބަދަލުވެ، ސްޕޭނުން ވަނީ ވަރުގަދަ އިގްތިސާދެއް ބިނާކޮށްފަ އެވެ. އެގައުމުގެ 17 ސަރަހައްދަކީ ވެސް ވަކި ގާނޫނުތަކެއް ހިނގާ އަމިއްލަ އިންތިހާބަކުން ވެރިން ހޮވާ ބައެކެވެ. މަޝްހޫރު ބާސެލޯނާފަދަ ސްޕޭނުގެ ބޮޑެތި ސިޓީތަކުން މިނިވަންކަން އިއުލާނުކުރުމަށް ދޭތެރެދޭތެރެއިން ތެޅިގަންނަނީ މިފަދަ އެތެރޭގެ އަރައިރުންތަކާހުރެ އެވެ.
ސްޕޭނަކީ މީޑިއާގެ މިނިވަންކަން ބޮޑު ގައުމެކެވެ. ގާތްގަނޑަށް 40 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރާއިރު ފޭސްބުކްއަކީ އެންމެ ގިނަބަޔަކު މުއާލަމާތްކުރާ ސޯޝަލް މީޑިއާ ޗެނަލްއެވެ. 2007 ވަނަ އަހަރު މިންތީގެ ހަމަހަމަކަން ގާނޫނަކުން ދިންފަހުން ސްޕޭނުގައި ސިޔާސީ ގޮތުން އަންހެނުން ހަރަކާތްތެރިވާ މިންވަރު ވަރަށް ގިނަ އެވެ. ސްޕޭނަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަޔްކުރާ ގައުމެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމުގައި ވަރުގަދަ ފުޓްބޯޅަ ލީގެއް އޮތުމާއި ގައުމުގެ ކުލަބުތަކުގެ މަޝްހޫރުކަމެވެ. ހާއްސަކޮށް ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ. އެއީ ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރެއިން ދެ ކުލަބެވެ. ގައުމުގެ އާއްމު ބަހަކީ ސްޕޭން ބަހެވެ. ދުނިޔޭގެ ހަތްވަނަ އަށް އެންމެ ރަނގަޅު ސިއްހީ ހިދުމަތުގެ ނިޒާމް އޮތީ ވެސް ސްޕޭނުގަ އެވެ.

ސްޕޭނުގައި ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއްނޫނެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ އެއްބައެވެ. މޮޅު އެތައް ކުޅުންތެރިންނަކާއި ވަރުގަދަ ލީގަކާއި ޒަމާންވީ ކުލަބުތަކާއި ލެޖެންޑަރީ ސްޓޭޑިއަމްތަކާއެކު ފުޓްބޯޅަ އަކީ ސްޕޭން މީހުންގެ ދިރިއުޅުމުގެ އެއްބައެވެ.
ދުނިޔޭގެ އެންމެ ގަދަ އެއް ލީގު ކަމަށްވާ ލަލީލާ ނިސްބަތްވާ ގައުމެވެ. އެ ގައުމުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ގަދަ ކުލަބުތަކުގެ ތެރެއިން ދެ ކުލަބެވެ. ޔޫރޯގައި މިހާތަނަށް ސްޕޭން ވަނީ 11 ފަހަރު ވާދަކޮށް ތިން ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ތެރެއިން ޔޫރޯގައި ކުޅުނު ފުރަތަމަ ފަހަރު ވެސް ތަށި ހޯދި އެވެ. އެއީ 1964ގަ އެވެ. އޭގެ ފަހުން 2008 އާއި 2012ގައި ތަށި ހޯދުމުން ސްޕޭން ވެފައިވަނީ މި ތަށި ވިދިވިދިގެން ހާސިލްކުރި ފުރަތަމަ ގައުމަށެވެ. އެމީހުން މަޝްހޫރު ވެފައިވަނީ އަބަދުވެސް ޕާސްކޮށްގެން ރީތި ފުޓްބޯޅައެއް ކުޅޭ ބައެއްގެ ގޮތުގަ އެވެ.

ސްޕޭނުގެ ފުޓްބޯޅަ ޓީމު އުފެއްދީ 1920ގަ އެވެ. ފުޓްބޯޅައިގައި އެމީހުންނާ އެންމެ ވާދަވެރި ގައުމުތަކަކީ އިޓަލީ ޖަރުމަނު އަދި ޕޯޗުގަލް އާއި ފްރާންސެވެ. މި ފަހަރުގެ ޔޫރޯ އަށް ސްޕޭން ކޮލިފައިވީ އުނދަގޫކަމެއްނެތި އެވެ. ޓީމުގައި މުޅިން ވެސް ތިބީ ތަރިންނެވެ.
ކޯޗު ޑެލަފުންޓޭ އަށް މި ފަހަރުގެ ޔޫރޯ ވެގެންދާނީ ވަރަށް ބޮޑު ޓެސްޓަކަށެވެ. ނަތީޖާ ނުނެރެވިއްޖެނަމަ އޭނާގެ މަގާމާމެދު ސުވާލު އުފެދޭނެ އެވެ. ސަބަބަކީ ސްޕޭނުގައި މޮޅު ކޯޗުން ވެސް ގިނަ އަދަދަކަށް ތިބުމާއި އެއިން ކޮންމެ ކޯޗަކީ ވެސް ގައުމީ ޓީމަށް އައުމުގެ ޝައުގު ގެންގުޅޭ މީހަކަށްވުމެވެ. ހާއްސަކޮށް ކުރިއަށް އޮތް ސީޒަނަށް ފަހު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ ދޫކޮށްލާނަމަ އޭނާ އަށް ސްޕޭން ފެޑަރޭޝަނުގެ ޝައުގު އެބަހުއްޓެވެ.