ކުޅިވަރު

ޔުކްރެއިން: ހަނގުރާމައިގެ ހަނދާންތައް އައުކޮށްދީ ދުނިޔެއަށް މެސެޖެއް ދޭނެ


ޔުކްރޭނަކީ ޔޫރަޕުގެ އިރުމަތީގައި އޮތް ކުޑަކުޑަ ގައުމެކެވެ. މި ދުވަސްވަރު ޔުކްރޭން އެންމެ ގިނަ ބަޔަކު ފާހަގަ ކުރާނެ ސަބަބަކަށްވާނީ ރަޝިޔާއިން އެ ގައުމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުންނެވެ. މިހެންވެ ޔޫރޯ އަށް ކޮލިފައިވާން ކުޅުނު ގިނަ މެޗުތައް ޔުކްރޭނުން ކުޅުނީ ވެސް އަވައްޓެރި ގައުމުތަކުގެ ސްޓޭޑިއަމްތައް ކުއްޔަށް ހިފައިގެންނެވެ. ހަނގުރާމައިގެ ސަބަބުން ޔުރްކޭނުގެ ފުޓްބޯޅަ ލީގު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މަގުތަކާއި ބްރިޖްތައް ހަލާކުވިއިރު ހޮސްޕިޓަލްތަކާއި އެތައް ސްކޫލެއް ވަނީ ބަންދުކޮށްފަ އެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން ޔުކްރޭނަކީ ޔޫރަޕުގައި އަށް ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ގައުމެވެ.

ޔުކްރޭނަކީ ފުރިހަމަ މިނިވަން ގައުމަކަށްވީ 1992 ވަނަ އަހަރު އެވެ. އެ ގައުމުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ޔޫރޯ 2020 އާއި ވޯލްޑްކަޕް 2006ގައި ކުއާޓާ ފައިނަލަށް ދިއުމެވެ.
ޔުކްރޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަކީ އޭސީ މިލާނާއި ޗެލްސީގައި ވިދާލި ޔޫރަޕުގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ އަންދްރޭ ޝެވްޗެންކޯ އެވެ.

މިހާރުގެ ޓީމުގައި އެންމެ ވިދުން ގަދައީ އާސެނަލްގެ އޮލެގެޒެންޑާ ޒިންޗެންކޯ އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 63 މެޗު ކުޅެދީ ނުވަ ގޯލު ޖަހައިދީފަ އެވެ. ޔުކްރޭން ހަނގުރާމައިގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު މަދުވާތީވެ ގައުމުގެ ރައީސް ކަންބޮޑުވުން ފާޅު ކުރުމުން އެންމެ އަވަހަށް އިޖާބަދީ ހަނގުރާމައަށް ގޮވާލައިފިނަމަ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ބުނި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ކެޕްޓަން އަންދްރީ ޔާމަލަންކޯ އަކީ އުމުރުން 34 އަހަރުވީ ކުޅުންތެރިއެއް ނަމަވެސް ތަޖުރިބާއިން ފުރިފައިހުރި ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 119 މެޗު ކުޅެދީ މިހާތަނަށް ވަނީ 46 ގޯލު ޖަހައިދީފަ އެވެ. މީގެ އިތުރުން ޓަރާސް ސްޓެފަނެންކޯ އަކީ ވެސް ގައުމީ ޓީމަށް 83 މެޗު ކުޅެދީފައިވާ ތަޖުރިބާކާރެކެވެ.

ޔުކްރޭނުގެ ކީޕަރުންގެ ތެރެއިން ރެއާލް މެޑްރިޑްގެ ކީޕަރު އަންދްރޭ ލުނިން ވަނީ ނިމިދިޔަ ސީޒަނުގައި އޭނާގެ ފެންވަރު ކިތަންމެހާ ރަނގަޅަށް ވެސް ސާބިތުކޮށްދީފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން ފުރުސަތު ނުލިބުނު ނަމަވެސް އެ ހިސާބަށް ރެއާލް މެޑްރިޑް ގެންގޮސްދިނުމުގައި އޭނާގެ ހުށިހާރުކަން ބޮޑެވެ. ދިފާއުކުރި ގިނަ ބޯޅަތަކުގެ މަތިން ސަޕޯޓަރުން ހަނދާން ހުންނާނެ އެވެ.

ޗެލްސީގެ މިހައިލޯ މުޑްރީކަކީ ވެސް މި ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 21 މެޗު ކުޅެދީ ދެ ގޯލު ޖަހައިދީފަ އެވެ. ކުލަބު ފޯމު އަލުން ރަނގަޅު ކޮށްލަން ޔޫރޯ އަކީ އޭނާ އަށް ލިބޭ ރަނުގެ ފުރުސަތެކެވެ.