ކުޅިވަރު

ޖަރުމަނުގައި ސްކޮޓްލަންޑް ސަޕޯޓަރުންގެ ނުފޫޒު!


ޔޫރަޕްގެ ގަދަ ބާރުތައް ވާދަކުރާ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ2024) މިރޭ ޖަރުމަނުގައި ފަށާއިރު ސްކޮޓްލެންޑް ސަޕޯޓަރުން އެގައުމުގައި ނުފޫޒު ގަދަކޮށްލައިފި އެވެ
.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ޖަރުމަނާ ދެކޮޅަށް ނިކުންނާނީ ސްކޮޓްލެންޑެވެ. މެޗު ފަށަން ކުޑަތަން ވެގެން އަންނައިރު ސްކޮޓްލެންޑްގެ ސަޕޯޓަރުން ވަނީ ޖަރުމަނުގެ މިޔުނިކްގައި ފެތުރިގެންފައެވެ. ރިޕޯރޓްތައް ބުނާ ގޮތުން މިމެޗަށް ޖަރުމަނުގެ މިޔުނިކަށް ސްކޮޓްލެން 200،000 ސަޕޯޓަރުން ދާނެއެވެ. މިހާރުވެސް މިޔުނިކްގެ ހުރިހާ ދިމާއަކުން ސްކޮޓްލެންޑްގެ ސަޕޯޓަރުން ފެންނަ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

ޖަރުމަނު ހިމެނޭ ގްރޫޕް އޭގެ ފެވަރިޓަކީ އެގައުމެވެ. ސްކޮޓްލެންޑަކީ ގްރޫޕްގެ އެންމެ ބަލިކަމަށް ބަލާ އެއް ޓީމް ކަމަށް ވިޔަސް ސްކޮޓްލެންޑް އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. ޓީމުގެ ތަރިއަކީ ލިވަޕޫލަށް ކުޅެމުން އަންނަ ރޮބަޓްސަން އެވެ.

30 އަހަރުގެ ވާތު ބެކް ބުނީ މުބާރާތާ ކުރިމަތިލަނީ ކާމިޔާބުވާނެކަން ގަބޫލުކޮށްގެން ކަމަށެވެ.

"
އަހަރެމެން މިތިބީ ތައްޔާރަށް. އެންމެންގެ ލޯތައް އަހަރެމެންނަށް ވަނީ އަމާޒުވެފަ، މިއީ އަހަރެމެންނަށް މިކަން ކުރެވޭނެކަން ދައްކާލަންވީ ވަގުތު
ރޮބަޓްސަން - ސްކޮޓްލެންޑް ކެޕްޓަން

ގްރޫޕް އޭގައި ޖަރުމަނާއި ސްކޮޓްލެންޑްގެ އިތުރުން ހިމެނެނީ ހަންގޭރީއާއި ސްވިޒަރލެންޑެވެ. ސްކޮޓްލެންޑަކީ ރޭންކިންގ އަށް ބަލާއިރު ގްރޫޕްގެ އެންމެ ފަހަތުގައި އޮތް ގައުމެވެ.

ސްކޮޓްލެންޑް ޔޫރޯގައި ވާދަކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. އެކަމަކު މިފަހަރު މުބާރާތަށް ސްކޮޓްލެންޑް ކޮލިފައިވީ ވަރުގަދަ ކޮލިފައިންގ އަކަށް ފަހު އިތުބާރާއެކު އެވެ. ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. ކޮލިފައިވީ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ގްރޫޕްގެ އެއްވަނަ ހޯދީ ސްޕެއިން އެވެ.