ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ މަންދޫބާ މަޝްވަރާކުރައްވައިފި


  • ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޔުނިސެފުން ކުރާ މަސައްކަތަށް ތަޢުރީފްކުރެއްވި

  • ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ މަސައްކަތަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރެއްވި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއި ގުޅޭގޮތުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އައްޑައި އާއި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ޔުނިސެފުން ކުޑަކުދިންގެ ހެދިބޮޑުވުމުގެ ކަންކަމުގައި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހައްލުކުރުމުގައި ޔުނިސެފުން ކުރަމުންދާ މަސައްކަތަށް ތަޢުރީފް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ޑރ. އައްޑައި ވަނީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ޔުނިސެފްގެ މަސައްކަތަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. އަދި ޔުނިސެފްގެ ނިއުޓްރިޝަން ޕްރޮގްރާމުގައި އެކަމަނާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތާއި އިޖްތިމާޢީ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތް ޑރ. އައްޑައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިޖްތިމާޢީ ދާއިރާ ތަރައްޤީކުރުމާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ ދެއްވާފައެވެ.