ޚަބަރު

ހަތަރު ފުރޮޅުލީ އުޅަނދުތައް ވަގަށް ނަގައިގެން އަސްލު އޮޅުވާލައި ވިއްކުމުގެ ބޮޑު ވިޔަފާރިއެއް!


  • މިމައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި

  • ފުލުހުން ދަނީ މައްސަލައިގެ ފުނަށް ފީނަމުން

  • އެންމެ މީހަކަށް ނިސްބަތްވާ 100 އުޅަނދު

  • އަނބިމީހާގެ ނަންމައްޗަށް ރަޖިސްޓްރީކޮށްފައިވާ 48 އުޅަނދު

މާލެ ސަރަހައްދުގައި ވަގަށް ނަގާ އުޅަނދުތަކުގެ އަސްލު އޮޅުވާލައިގެން ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ތަހުޤީޤުކުރަމުންދާ މައްސަލަތަކުގެ މަޢުލޫމާތު ހާމަކުރުމަށް، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ހެނދުނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެމްޑީގެ 7 ސީޓަރ އުޅަނދު ގެއްލިގެން އެ މައްސަލަ ފުލުހަށް ހުށަހެޅި ކަމަށެވެ. ފުލުހުން ވަނީ އެމްއޭސީއެލް އުޅަނދު ވަގަށް ނެގިކަމުގެ ތުހުމަތުގައި އެމްއޭސީއެލްގެ މުވައްޒަފެއްވެސް ހައްޔަރުކޮށްފައެވެ. އެގޮތުން އެމްއޭސީއެލް ހައި ސެކިއުރިޓީ ޒޯނުން ވެހިކަލް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، މ. ސީނިއަސަރުމާގެ، މުހައްމަދު ހައިޝަމް (42އ)އެވެ.

ފުލުހުން އެ މައްސަލަ ތަހުޤީޤު ކުރުމުގެ ތެރޭގައި، އުޅަނދު ފެނުނީ ހ. އިރާނޫގޭގެ ގްރައުންޑް ފްލޯ ގައި ހުރި ގަރާޖަކުން ކަމަށް ފުލުހުން ވިދާޅުވެއެވެ. އުޅަނދު ވަގަށް ނެގުމަށް ފަހު ނަމްބަރު ޕްލޭޓު ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލާފައިވާކަމަށް ދާޢޫދު ވިދާޅުވިއެވެ.

މިމައްސަލަ ތަހުޤީޤު ކުރުމަށް އެ ގަރާޖުގެ ވެރިފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެގެ ބަލާ ފާސްކުރުމުގެ ތެރޭގައި މަހެއްހާ ދުވަސް ކުރިން ހުޅުމާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އިމިގްރޭޝަންގެ އުޅަނދުވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށްފައި ހުރިކަން ފުލުހުންގެ ތަހުޤީގައް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ބެލިބެލުމުގައި، އަޅުގަނޑުމެންނަށް ފާހަގަަވަނީ، މި ދެންނެވި ވައްކަމުގެ ތެރޭގައި ގެންދާ ބޮޑެތި ވެހިކަލްތައް، ޚާއްސަކޮށް ހަތަރު ފުރޮޅުލީ އުޅަނދުތައް އޭގެ އަސްލު އޮޅުވާލުމަށް މަަސައްކަތްކޮށް، އިންޖީނު ނަންބަރާއި، ޗެސިސް ނަންބަރު ކަހާލައި ފުޅާދާއިރާއެއްގައި މާލޭގައި މި ދެންނެވި ފަރާތް ވިޔަފާރި ކުރުމަންދާކަމަށް ފާހަގަކުރެވިފައި. " ދާއޫދު ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ގަރާޖުގެ ވެރިފަރާތް މ. މޮޑާން ޕޮއިންޓް އަހުމަދު ނިޒާމް(43އ) ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މައްސަލައިގެ ތަހުޤީޤުގައި ތުހުމަތު ކުރެވޭ އަހުމަދު ނިޒާމަށް ނިސްބަތްވާ 100އުޅަނދެއް ރެޖިސްޓްރީ ކުރެވިފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 އުޅަނދެއް އޮތްކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން 42 އުޅަނދެއް ރެޖިސްޓްރީ ކޮށްފައިވަނީ އޭނާގެ އަންހެނުންގެ ނަމުގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ބާކީ ހުރިހާ އުޅަނދެއް ހުރީ ނިޒާމުގެ ނަމުގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އުޅަނދުތަކުގެ ރެޖިސްޓްރީއަށް ބަލާއިރު، ބައެއް އުޅަނދުތައް ފާއިތު ނުވާ އަހަރުތަކަށް ރެޖިސްޓްރީކޮށްފައި ހުރިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިއާއެކު ޓްރާންސްޕޯޓުގެ ނިޒާމުގެ ތެރެއިން އޮޅުވާލުމުގެ ބޮޑު މައްސަލައެއް ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައިގެ ތަހުޤީޤަށް ދަތުރުފަތުރާ ބެހޭ ވުޒާރާގެ އެއްބާރުލުން ލިބޭކަން ފުލުހުން ފާހަގަކުރެއެވެ.

"ވެހިކަލްތަކުގެ ރެޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2023ގެ ކުރީގައި މިދަންނަވަނީ، 2024، 2025 އަދި 2027. މިއީ އަޅުގަނޑުމެންނާ ބައްދަލު ނުކުރާ އަހަރުތަކުގައި ވެހިކަލް ރެޖިސްޓަރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައި ހުރިކަން ފާހަގަ ކުރެވޭ. މި މައްސަލައިގައި ސީރިއަސް ތަހުޤީގެއް ހިންގުމަށް މި ސާވިސްއިން ދަނީ މަސައްކަތްތަކެއް ކުރަމުން." ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވިއެވެ.


މި މައްސަލާގައި އުޅަނދުތަކުގެ އަސްލު އޮޅުވާލައިގެން ވިއްކުމުގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ނިޒާމުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގހެ އޮފީހަށްމިހާރު ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ފުންމިން ދެނެގަތުމަށް އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.