ސްކޮޓްލޭންޑަކީ ގްރޭޓް ބްރިޓަންގެ ގައުމެކެވެ. ގައުމުގެ އެންމެ އިސްވެރިއަކީ އިނގިރޭސި ރަސްގެފާނު ޗާލްސް އެވެ. ޓީމުގެ މެދުތެރެއަށް ކުޅެން ތިބި ޖޯން މެކްގިން އާއި ސްކޮޓް މެކްޓޮމިނޭ އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ ދެ މިޑްފީލްޑަރުންނެވެ.
ކޯޗު ސްޓީވް ކްލާކަކީ ވެސް ކުރިން ހޯސޭ މޮރީނިއޯ ފަދަ ކޯޗުންނާއެކު ޗެލްސީގައި ހަރަކާތްތެރިވި ކޯޗެކެވެ. މިކަންކަމަށް އެކަނި ބެލި ނަމަވެސް ސްކޮޓްލޭންޑް ޓީމުގައި އިނގިރޭސި ކުލަވަރުހުރި މިންވަރު ދެނެގަނެވޭނެ އެވެ.
ސްކޮޓްލޭންޑުން ގައުމީ ޓީމު އުފެއްދީ 1872ގަ އެވެ. މިއީ އިނގިރޭސިވިލާތާއެކު ދުނިޔޭގެ އެންމެ ދުވަސްވީ ގައުމީ ޓީމެވެ. ސްކޮޓްލޭންޑްގެ ސަޕޯޓަރުންނަށް ވަނަމަކަށް ކިޔައި އުލެނީ ޓާޓަން އާމީ އެވެ. އެ ގައުމަށް 50 މެޗު ހަމަކޮށްދޭ ކޮންމެ ކުޅުންތެރިއެއްގެ ޝަރަފުގައި ރަތް ދޫލައިގެ މަރުހަބާއެއް ކިޔައި އުޅުމަކީ ސަގާފީ އާދައެކެވެ. ގައުމީ ޓީމުގެ ރަސްމީ ކުލަ އަކީ ގަދަ ނޫކުލަ އެވެ.
މި ފަހަރުގެ ޔޫރޯ އަކީ ސްކޮޓްލޭންޑްގެ ހަތަރު ވަނަ ޔޫރޯ އެވެ. އެންމެ ފުރަތަމަ ކޮލިފައިވީ 1992ގަ އެވެ. އޭގެ ފަހުން 1996ގައި ކުޅުމަށްފަހު ސްކޮޓްލޭންޑަށް ޔޫރޯއިން ފުރުސަތު ހޯދުނީ 24 އަހަރަށް ފަހު 2020ގަ އެވެ. ސްކޮޓްލޭންޑް ޓީމަކީ ޔޫރަޕުގެ މަތީ ފަންތީގެ ކުޅުންތެރިން ތިބި ޓީމެވެ.
ޓީމުގެ ގޯލްކީޕަރު އަންގުސް ގަން އަކީ އިނގިރޭސި ލީގުގެ ނޮރިޗްގެ ކީޕަރެވެ. ފަހަތަށް ބަލާއިރު ކެޕްޓަން އެންޑީ ރޮބަޓްސަން އަކީ ލިވަޕޫލްގެ އެއްވަނަ ވާތުބެކެވެ، ނޮރިޗްގެ ގްރާންޓް ހަންލޭ އާއި ރެއާލް ސޮސިއެޑާޑްގެ ކީރަން ޓިއާނޭ އާއި ސައޫދީ އަރަބިއާގެ އަލް އިއްތިފާގުގެ ޖެކް ހެންޑްރީ އާއި ވަޓްފޯޑުގެ ޑިފެންޑަރު ރަޔަން އާއި ބްރިސްޓޯލް ސިޓީގެ ރޮސް މެކްކެރޯރޭ އާއި ކޯޕެންހޭގަންގެ ސްކޮޓް މެކްކެންނާ އަކީ ސްކޮޓްލޭންޑްގެ ޓީމުގެ ދިފާއު ވަރުގަދަ ކޮށްދޭނެ ކުޅުންތެރިންނެވެ.
މެދުން މެކްޓޮމިނޭއަކީ ހާއްސަ ކުޅުންތެރިއެކެވެ. އޭނާ އަކީ ނިމިދިޔަ ޔޫރޯ ކޮލިފައިންގައި މިޑްފީލްޑަރަކަށް ބަލާއިރު އެންމެ ގިނަ ގޯލުޖެހި އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް މިހާތަނަށް ޖަހައިދިން 8 ގޯލުގެ ތެރެއިން ހަ ގޯލަކީ ވެސް ޔޫރޯ ކޮލިފައިންގައި ޖެހި ގޯލުތަކެވެ. އޭނައަށް މެދުތެރޭގައި އެހީވާނީ މެކްގިން އާއި ބޯންމައުތުގެ ރަޔަން އާއި ސައުތެމްޓަނުގެ ސްޓުއާޓް ފަދަ ކުޅުންތެރިންނެވެ.
ސްކޮޓްލޭންޑްގެ ކުރިއަށް ބަލާއިރު ސައުތެމްޓަނުގެ ޝޭ އެޑަމްސް އަކީ ލީޑްކުރާނެ ކުޅުންތެރިޔާ އެވެ. އޭނާ އާއި ސެލްޓިކްގެ ޖޭމްސް ފޮރެސްޓްގެ ޕާޓްނާޝިޕް ރަނގަޅު ކުރުމަކީ ކްލާލް އެންމެ ބޭނުންވާ ކަންތަކެވެ.
ކޯޗު ކްލާކްގެ އެންމެ ބޮޑު ބޭނުނަމީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ޓީމެއްގައި ސިފާގައި ދެއްކުމެވެ. މިކަމުގައި އޭނާ އަށް ލިބޭ ހިތްހަމަޖެހުމަކީ ކުރިއާ ހިލާފަށް މި ފަހަރުގެ ކޮލިފައިންގައި ސްޕޭން ހިމެނުނު ގްރޫޕުގައި ސްކޮޓްލޭންޑް ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާތީ އެވެ. އެކަމަކު ބޮޑު މުބާރާތެއް ހުޅުވަން ސްކޮޓްލޭންޑް ޖެހިލުންވެ އެވެ.
ގިނަ ފަހަރު އެމީހުންނަށް ކުޅެން ޖެހިފައިވަނީ މުބާރާތް ބާއްވާ ގައުމު ނުވަތަ ދިފާއީ ޗެމްޕިއަނުންނާ އެވެ. މިހެންވެ ހުކުރު ދުވަހުގެ ރޭ ޖަރުމަނާ ދެކޮޅަށް ނުކުންނާނީ ތާރީހް ބަދަލުކޮށްލުމުގެ ނިޔަތުގަ އެވެ.