ކުޅިވަރު

ސާބިއާ: ނަސީބު ރަނގަޅުކަމުން ކޮލިފައިވި ޓީމެއް، އޮތީ ސަޕޯޓަރުންގެ ނުރުހުން


މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ 24 އަހަރު ފަހުން ސާބިއާ ކުޅޭ ފުރަތަމަ ޔޫރޯ އެވެ. އެމީހުން އެންމެ ފަހުން ކުޅުނު ޔޫރޯގައި މައިގަނޑު ގޮތެއްގައި ޖެހިފައިވަނީ ޔޫގޯސްލާވިޔާގެ ކުލަވަރެވެ.

ހަގީގަތުގައި ވެސް ސާބިއާ އަކީ ފުޓްބޯޅަ އަށް މަޝްހޫރު ކުރީގެ ޔޫގޯސްލާވިޔާ އެވެ. އެ ޖުމްހޫރިއްޔާ ބައިބައިވެ އުފެދުނު ޖުމްހޫރިއްޔާތަކުގެ ތެރެއިން އެއްބަޔަކީ ސާބިއާ އެވެ. މިއީ ސާބިއާ މިނިވަން ގައުމަކަށްވި ފަހުން އެމީހުން ޔޫރޯގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

1992 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އެގައުމު ކުޅުނީ ސާބިއާ އެންޑް މޮންޓެނީގްރޯ ނަމުގައެވެ. ހަނގުރާމައިގެ ތެރެއިން ޔޫގޯސްލާވިޔާ ބައިވެގެން އުފެދުނު ގައުމަކަށްވުމާއެކު ސާބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ނިޝާނެއްގެ ގޮތުގައި ވެސް ފުރަތަމަ ކުރަހާފައިވަނީ ހުޅުކޮޅެކެވެ.

ޓީމު މާކެޓް ކުރުމަށް ފަސޭހަކުރުމުގެ ވިސްނުމެއްގެ ތެރެއިން 2002 ވަނަ އަހަރު މި ނިޝާން ވަނީ ބަދަލުކޮށްފަ އެވެ. ޓީމުގެ ވަ ނަމަކީ ދަ އީގަލްސް އެވެ. ޔޫގޯސްލާވިޔާ ބައިބައިވި ހަނގުރާމައިގެ ސަބަބުން ސާބިއާ އަށް ފުޓްބޯޅައިގައި ބޮޑެތި ގެއްލުންތަކެއްވި އެވެ.

ގައުމީ ދިދަ އާއި ގައުމީ ސަލާމް ވެސް ފަހުން ބަދަލުކުރަން ޖެހުނީ ޔޫގޯސްލާވިޔާގެ ހަނދާންތަކަށް އެހެން ގައުމުތަކުގެ ސަޕޯޓަރުން ނުރުހުން ފާޅުކޮށް، އުފެދޭ ހިލާފުތަކުން އެކެހެރިވާން މަގުބޫރުވުމުންނެވެ.

އެންމެ ފަހުގެ ވޯލްޑްކަޕަށް ބަލާއިރު ސާބިއާ ފެނުނީ ގިނައިން ގޯލު ޖަހާ ޓީމެއްގެ ގޮތުގަ އެވެ. ނަމަވެސް ނިކަން އަވަސް އަވަހަށް ބައިކޮޅަށް ގޯލުތަކެއް ވަންނަ މައްސަލައަކީ އަދިވެސް ހައްލު ނުކުރެވި އޮތް އެންމެ ބޮޑު މައްސަލަ އެވެ. ގިނަ ތަޖުރިބާކާރުން ބުނަނީ ވޯލްޑްކަޕުގައި ސާބިއާ އަށް ކުރިމަތިވި ހިތްދަތިކަމުން އަދިވެސް އަރައިގަނެވިފައިނުވާ ކަމަށެވެ. މިކަމަށް ބާރު ލިބެނީ ކޮލިފައިންގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ސާބިއާ ކޮލިފައިވީ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި އެމީހުންގެ ނަސީބު ވަރަށް ރަނގަޅުވުމުންނެވެ. އެއީ ވެސް ވާދަކުރަންޖެހުނު ގިނަ ޓީމުތަކަކީ ސާބިއާއަށްވުރެ ފެންވަރު ދަށް ޓީމުތަކަކަށްވާތީ އެވެ.

އަނެއްކޮޅުން ކޮލިފައިންގައި ސާބިއާ ދެއްކި ކުޅުމާމެދު ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ޓީމުގެ ކުޅުން ގޯސްވެގެން ކިތަންމެ މެޗެއްގައި ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް، ދަނޑުން ނުކުމެގެން ވެސް ގޮސްފަ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ސާބިއާ ކޮލިފައިވީ ހަންގޭރީގެ ފަހަތުން ގްރޫޕް ޖީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ރެއާލް މަޔޯކާގެ ކީޕަރު ރަޖަކޮވިޗާއި ޗެލްސީގެ ކީޕަރު ޕެޓްކޮވިޗް އާއި އިޓަލީގެ ޓޯރިނޯގެ ކީޕަރު މިލިންކޮވިޗް ސަވިޗް އަކީ މީހަކަށް ދޫނުކުރާ ވަރަށްވުރެ ވާދަވެރި ތިން ކީޕަރުންނެވެ.

ޑިފެންޑަރުންނަށް ބަލާއިރު ފިއޮރެންޓީނާގެ ނިކޮލާ މިލެންކޮވިޗާއި ރެޑްބުލް ސަލްސްބާގްގެ ޕަވްލޮވިކާއި ސެވިއްޔާގެ ނެމަންޖާ ޖުޑޭއީ ފަދަ ކުޅުންތެރިންނަކީ ޔޫރަޕުގެ ތަޖުރިބާހުރި ކުޅުންތެރިންނެވެ. ކުރިއަށް ބަލާއިރު ތިބީ ޔުވެންޓަސްގެ ފިލިޕް ކޮސްޓިކާއި މިލިންކޮވިޗް ފަދަ ފޯވަޑުންނެވެ.

މިހެންވެ ތަޖުރިބާކާރުންގެ ނަޒަރުގައި ސާބިއާގެ މައްސަލައަކީ ޓީމު ބެލެންސްނުވުމެވެ. ވޯލްޑްކަޕަށް ދޮޅު އަހަރުވީއިރު ވެސް ޓީމު ހަމައަކަށް ނޭޅި އޮތުމަކީ ޔޫރޯއާމެދު ސަޕޯޓަރުން ފަނޑުގޮތަކަށް ދެކޭ ސަބަބެވެ.