ޚަބަރު

"ފަލަސްޠީނާއެކު ދިވެހީން" ފަންޑަށް 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ


  • ޓެލެތޯނަށް ބޮޑު ތަރުހީބެއް ލިބުނު

  • އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު 6 ޖެހުމާހަމައަށް ވަނީ ހުޅުވާލާފައި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ކުރިއަށްގެންދިޔަ "ފަލަސްޠީނާއެކު ދިވެހީން" ފަންޑަށް 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މިއީ ރޭ މެންދަމު 01:15އާއިހަމައަށް ލިބިފައިވާ ފައިސާގެ ޢަދަދުކަމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން ބުންޏެވެ.

ޓެލެތޯން ފަންޑަށް ޖަމާވެފައިވާ ފައިސާއާއި ގުޅޭގޮތުން، މިކަމަށް ކަނޑައަޅާފައިވާ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއިން ބުނީ ފައިސާ ގުނުމުގެ ކަންކަން ލަސްވީ ގިނަ ޢަދަދެއްގެ ވަކިލާރި ލިބިފައި ހުރުމުންކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ހުރިހާ ފައިސާއެއް ގުނާ ނިމިފައިވާކަމަށް އެ އޮޑިޓު ފާމުން ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް ފާމުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކްރޯ މޯލްޑިވްސްއިން ބުނީ ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948ރ. ލިބިފައިވާ ކަމަށެވެ. އަދި 1343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ޖަމާވެފައެވެ.

ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯން ކަވަރޭޖު ނިންމާލާފައިވީނަމަވެސް އަދިވެސް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު ވަނީ މިއަދު އިރުއޮއްސި 06:00އާއިހަމައަށް އިތުރުކޮށްފައެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ފަލަސްޠީނާއެކު ދިވެހީން ފަންޑަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ ވަގުތު އިތުރުކުރީ ބޭންކަށް ފައިސާ ޖަމާކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އިތުރު ފުރުޞަތެއް ދިނުމަށްކަމަށެވެ. އަދި ފަންޑު ފޮށިތަކަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ ބަލައިގަތުން ރޭގެ ނިޔަލަށް ބަންދުކޮށްފައިވާކަންވެސް ޒީނާ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމުން ބުނީ ފައިސާ ޖަމާކުރުމަށް އިއްޔެ މަސައްކަތް ކުރި ބައެއް ފަރާތްތަކަށް ބޭންކު މައްސަލައަކުން ފައިސާ ޖަމާނުވުމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އެހެން ދިމާވީ އެއްފަހަރާ ގިނަ ބަޔަކު އެއް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް މަސައްކަތް ކުރުމުންކަމަށްވެސް ޕީއެސްއެމުން ބުންޏެވެ.

"ފަލަސްޠީޏާއެކު ދިވެހީން" ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ވަނީ ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ފަންޑުފޮށިތައް ބެހެއްޓިއެވެ. އެ ފަންޑު ފޮށިތަކުގެ ފައިސާ "ފަލަސްޠީނާއެކު ދިވެހީން" އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޕީއެސްއެމުން ބުންޏެވެ.