ޚަބަރު

އާރުޓީއައިގެ ދަށުން މަޢުލޫމާތު ޢާއްމުކުރި ފުރަތަމަ ކުންފުންޏަކަށް އެޗްޑީސީ


  • އެޗްޑީސީން ވަނީ އަމިއްލަ އިސްނެގުމާއެކު އާންމުކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ޢާއްމުކޮށްފައި

  • އެހެން ކުންފުނިތަކުން އެޗްޑީސީ ނަމޫނާއަކަށް ނެގުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރި ފުރަތަމަ ކުންފުންޏަކަށް އެޗްޑީސީވެއްޖެއެވެ.

މިކަން ހާމަކުރެއްވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދެވެ.

އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު ވިދާޅުވީ، ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އާންމުކޮށްފައިވާ ކަމަށެވެ. މިއީ، ސަރުކާރު ހިއްސާވާ ކުންފުންޏަކުން މިކަން ހާސިލުކުރި ފުރަތަމަ ފަހަރު ކަމަށާއި، އެހެން ކުންފުނިތަކުން އެޗްޑީސީ ނަމޫނާއަކަށް ދެކިގެން އެ މައުލޫމާތުތައް އާންމުކުރުމަށްވެސް ކޮމިޝަނަރ ގޮވާލެއްވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ، ރައްޔިތުންގެ ފައިސާ ހިމަނައިގެން ހިންގާ ކުންފުނިތައް ކަމަށާއި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް އެ ކުންފުނިތަކުން ފޯރުކޮށްދޭކަންވެސް އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކުންފުނިތަކުން ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު އާންމުކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން މިހާތަނަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މައުލޫމާތު ހާމަކޮށްފައިވަނީވެސް މި ސަރުކާރުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ 16 ވުޒާރާއަކުން ޤާނޫނުން ލާޒިމުކުރާ މައުލޫމާތު އާންމުކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް 13 މައުލޫމާތެއް ހާމަކުރަންޖެހެއެވެ. އެ މާއްދާގައިވާ މިމައުލޫމާތު ހާމަކުރަން ޖެހެނީ، ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެމަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި މަދުވެގެން އަހަރަކު އެއްފަހަރު ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައެވެ.

ދައުލަތުގެ އިދާރާތަކުން އާންމުކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެއިދާރާގެ މަސައްކަތްތަކާއި، ވާޖިބުތަކާއި، ޚިދުމަތްތަކުގެ ތަފްސީލް ހިމެނެއެވެ. އަދި އެއިދާރާއެއްގެ މަސައްކަތްތަކާއި ގުޅޭ ޝަކުވާ ހުށަހަޅާނެ ނިޒާމާއި، ތަނުގެ ވެރިންގެ މައުލޫމާތާއި ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާތައް ހިމެނެއެވެ. މީގެއިތުރުން ރައްޔިތުންނަށް އަސަރު ފޯރާފަދަ ނިންމުންތަކާއި އަދި އެނޫންވެސް ތަފްސީލް އާންމުކުރަން ޖެހެއެވެ.