ކުޅިވަރު

ޖަރުމަން: ތަށި ނޫން އެއްޗެއް ބޭނުމެއް ނޫން


ޖަރުމަނަކީ ދުނިޔޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމެވެ. ހަތަރު ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާއިރު ޔޫރޯ ވެސް އެމީހުން ވަނީ ތިން ފަހަރު ހާސިލްކޮށްފަ އެވެ. އަންހެނުންގެ ފުޓްބޯޅައިގައި ޖަރުމަނަކީ ގަދަ ބައެކެވެ.

މި ފަހަރުގެ ޔޫރޯ ޖަރުމަނުގައި ބާއްވާއިރު އެމީހުންނަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެންމެ ފަހުގެ ދެ ވޯލްޑްކަޕުގެ ވެސް ފުރަތަމަ ބުރުން ޖަރުމަނު ކަޓާފައިވާތީ އެވެ. ޖަރުމަނު މީހުން ގަބޫލުކުރާ ގޮތުގައި އެއީ ޔޫރަޕުގެ ފުޓްބޯޅައިގެ ހިތެވެ.

އަމިއްލަ ގައުމުގައި ޔޫރޯ ބާއްވާއިރު ލަދުވެތި ނަތީޖާއަކާ ކުރިމަތިވެދާނެތީވެ ޖަރުމަނު މީހުން ޖެހިލުންވެ އެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެންގޮސް ހިނގާފާނެ ކަންކަމަށް ޖަރުމަނު ވަނީ ދުރާލައި ފިޔަވަޅު އަޅައިފަ އެވެ. މުބާރާތުގެ ލޯކަލް އޮގަނައިޒިން ކޮމިޓީގެ ޗެއާމަން އަދި ޖަރުމަނަސް 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ފިލިޕް ލާމް ވަނީ ސަޕޯޓަރުން ހަމަޖެހިގެން، ކެތްތެރިކަމާއެކު ތިބުމަށް ގޮވާލައިފަ އެވެ. އަދި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ޖަރުމަނުން މެހުމާނުންނާއި ދުނިޔެ އަށް ރިވެތި މިސާލުތަކެއް ދައްކައިދިނުމަށް އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.

ޖަރުމަނަކީ ވަރުގަދަ ލީގެއް އޮންނަ ގައުމެކެވެ. ބުންޑަސްލީގާގެ ބަޔާން މިއުނިކަކީ ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބެވެ. ޔޫރަޕުގެ އެންމެ ވިދުން ގަދަ ކުލަބެވެ. އެމީހުންނަށް ވުރެ ދުރަ މިފަހަރު ޗެމްޕިއަންސް ލީގުގައި ދަތުރުކުރި ކުލަބަކީ ބޮރޫޝިޔާ ޑޯޓްމުންޑެވެ. ފައިނަލުގައި އެމީހުން ބަލިވީ ސްޕޭނުގެ ރެއާލް މެޑްރިޑް އަތުންނެވެ.

ޖަރުމަނުގެ ޗެމްޕިއަންކަމާއި ޖަރުމަނު ލީގު ނިމިދިޔަ ސީޒަނުގައި ކާމިޔާބު ކުރީ ބަޔާ ލެވަކޫސަން އެވެ. އެކުލަބު ވަނީ ޔޫރޮޕާ ލީގުގެ ފައިނަލްގައި ކުޅެފަ އެވެ. މިހެންވެ ޖަރުމަނުގެ ކުލަބުތައް ޔޫރަޕުގައި ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް ތައްޓެއް އުފުލާލެވިފައި ނެތުމުން ގައުމީ ޓީމުން އެކަން ކޮށްދޭނެ ކަމަށް އެތައް ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ.

މި އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ކޯޗަކަށް ހުރީ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ޒުވާން ނާގަލްސްމަން އެވެ. ޓީމުގެ ދޮށީ ކުޅުންތެރިންނާ އުމުރުގެ ގޮތުން މާބޮޑު ފަރަގެއް ނެތް ނަމަވެސް އޭނާ އަކީ ޔޫރަޕުގައި މިވަގުތު އެންމެ މޮޅު އެއް ކޯޗެވެ. އޭނާގެ ސްޓައިލަކީ އެޓޭކިން ސްޓައިލެކެވެ.

ނަމަވެސް ދުރުތިބީންނަށް އުފައްދާ ސުވާލަކީ ބަޔާން މިއުނިކުން އޭނާ ބޭރު ކުރިއިރު ދެއްކި ވާހަކަ އެވެ. އެ ކުލަބުން ބުނީ ނާގަލްސްމަން ވަކިކުރީ ޓީމަށާއި ކުޅުންތެރިންނަށް އިތުރު ކުރިއެރުން ހޯދައިދީ މޮޅުކޮށްނުދެވޭތީ ކަމަށެވެ. ނަމަވެސް ފަހުން ބަޔާނުން އޭނާ ހޯދުމަށް އާދޭސް ކުރުމުން މިކަން ވެސް ވެފައިވަނީ އިތުރު ސުވާލު މާކަކަށެވެ.

ޖަރުމަނު ޓީމުގައި މުޅިން ވެސް ތިބީ ތަރިންނެވެ. ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ ބަޔާން މިއުނިކްގެ ކެޕްޓަން މެނުއަލް ނޯޔާ އާއި ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެވެ. ފުރަތަމަ 11ގެ މައްސަލާގައި މި ދެ މީހުންނަކީ އަބަދުވެސް ކޯޅޭ ދެ ކުޅުންތެރިންނެވެ. މިހެންވެ މުބާރާތުގެ މާކުރިން ނާގަލްސްމަން ވަނީ ކޮންމެ ގޮތަކަށް ކަންތައްވިޔަސް ކުޅެވޭ ހާލަތުގައި ހުރެފިނަމަ އެއްވަނަ ކީޕަރަކަށް ހުންނާނީ ނޯޔާކަމަށް އިއުލާނުކޮށްފަ އެވެ.

ނަމަވެސް އޭނާ ހުރެ ދެ ވޯލްޑްކަޕް ފަނުފުލުން ދިއުމާއި ގާތްގާތުގައި އަނިޔާގެ މައްސަލަތަކާހުރެ ގިނަ މެޗުތަކެއް ގެއްލިދާކަމީ ފާޑުކިއުން އަމާޒުވާ ކަމެކެވެ. މިފަދަ އެއް މިސާލަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފަހު މެޗުގައި ނޯޔާ ހިފަން އުޅުނު ބޯޅައެއް އަތުން ދޫވެ، ބަޔާން ބަލިވެގެންދިއުމެވެ.