ޖޯޖިއާގެ އެންމެ މަގުބޫލު ކުޅިވަރުތަކަކީ ފުޓްބޯޅަ އާއި ރަގްބީ އާއި ބާސްކެޓްބޯޅަ އަދި ރެސްލިން އާއި ޖޫޑޯ އެވެ. އެ ގައުމުގައި ދުނިޔޭގެ އެންމެ ނަން ހިނގާ ރެސްލިން ކުޅުންތެރިން އެބަތިއްބެވެ. ތަފާތު ގިނަ ނަންތަކެއް ކިޔައި އުޅޭ ޖޯޖިއާ އަށް 2020 ވަނަ އަހަރު ބާއްވަން އުޅުނު ޔޫރޯވެގެންދިޔައީ ހިތްދަތިކަމަކަށެވެ.
ކޮލިފައިވާން އެންމެ މެޗަށް ވެފައިވަނިކޮށް ނަތީޖާ ނުރެވިގެން އެ ފަހަރު ފެއިލްވީ އެވެ. އެ ދުވަހު އެންމެ ބޮޑަށް ރޮއި ހެދި ކުޅުންތެރިޔަކީ ނިކާ އެވެ. ނަމަވެސް މި ފަހަރުގެ މުބާރާތަށް ޖޯޖިއާ ކޮލިފައިވީ ޕްލޭއޯފްގައި އޭނާ ޖަހައިދިން ގޯލުންނެވެ.
ނަމަވެސް އެމީހުން ކޮލިފައިވީ ވަރަށް ދަތި ހާލުންނެވެ. ބައިކޮޅަށް އެންމެ ގިނަ ގޯލު ވަން އެއް ޓީމަކީ ވެސް އެއީ އެވެ. އަދި މުޅި ކޮލިފައިން އަށް ބަލާއިރު ވެސް އެންމެ ހިފެހެއްޓުންތެރިކަން ދަށް ޓީމަކީ ވެސް އެމީހުންނެވެ.
މިހެންވެ ޔޫރޯގައި ވެސް ޖޯޖިއާ ކުޅޭނީ ވަރަށް ޑިފެންސިވް ގޭމެއްކަން ވަނީ ޔަގީން ކުރެވިފަ އެވެ. ކޯޗު ވިލީ ސަގްނޯލް އަކީ ވެސް ކުރީގެ ޑިފެންޑަރެކެވެ. އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 2000 ވަނަ އަހަރުން ފެށިގެން ގޮސް 2008އާ ހަމައަށް 58 މެޗު ކުޅެދީފަ އެވެ.
ސަގްނޯލް ހަގީގަތް ގަބޫލުކުރެ އެވެ. ވޯލްޑްކަޕާއި ޔޫރޯގައި ވެސް ޖޯޖިއާއަކީ މިހާތަނަށް ކުޅެފައިވާ ބައެއްނޫނެވެ. މިހެންވެ ސަގްނޯލް ޓީމު ބައްޓަން ކުރަމުންދަނީ އޭނާގެ ޓީމުގައި ބޮޑު މުބާރާތެއްގައި ނަތީޖާ ނެރެވޭނެ ފެންވަރު ނެތްކަން އެނގިހުރެ އެވެ. އެއީ ހުނަރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުންނެވެ. ނަމަވެސް އޭނާ ބުނީ ފުޓްބޯޅަ މެޗަކީ ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ ހަރަކާތެއްކަމުން ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެގެން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޖޯނިއާ ޓީމުގައި ޔޫރަޕުގައި ރަނގަޅު ލީގުގަތަކުގައި ކުޅޭ ކުޅުންތެރިން މަދެއްނޫނެވެ. ޒުވާން ކީޕަރު ޖިއޯޖީ ކުޅެނީ ސްޕޭނުގެ ވެލެންސިއާ އެވެ. އޭނާއާ ވާދަކުރާނެ ކީޕަރަކީ ތަޖުރިބާކާރު ކުޅުންތެރިޔާ ޖިއޯޖީ ލޮރިއާ އެވެ. އުމުރުން މިހާރު 38 އަހަރުގެ ކީޕަރު ވަނީ ގައުމީ ޓީމަށް 78 މެޗު ކުޅެދީފަ އެވެ. ނަމަވެސް ޖޯޖިއާގެ ޑީނަމޯ ޓިބިލްސީ އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ލައްވައި ޔޫރޯގައި ކުޅުވުމާމެދު ކޯޗު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ފަހަތަށް ބަލާއިރު ސްލޮވާކިޔާގެ ސްލޮވަން ބްރަޓިސްލާވަށް ކުޅޭ ގައުމީ ކެޕްޓަން ގުރަމް ކަޝިއާ އަކީ ފަހަތުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އެވެ. އޭނާ އަށް އެހީވާން ތިބީ ޔުކްރޭނުގެ ޝަކްޓާ ޝޮނެސްކަށް ކުޅޭ ގުޗަލެސްފިލީ އާއި ސައޫދީ އަރަބިއާގެ އަލްދޫދްގެ ސޮލޮމޮން އާއި އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ލޫކާ އެވެ.
މެދުތެރޭގައި ތިބީ ސްޕޭނުގެ ލެވަންޓޭގެ ކޮޗޮރޮސްވިލީ އާއި އިނގިރޭސި ވިލާތުގެ ވަޓްފޯޑްގެ ޗަކްޓާޑްޒޭ އާއި އޮސްޓްރިއާ އާއި ގްރީސް އަދި އެމެރިއާ އާއި ސްވިސް ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ޓީމުގެ އެންމެ ކުރިއަށް ބަލާއިރު އިޓަލީގެ ނަޕޯލީ އަށް ކުޅޭ ނިކާ އާއި ޖަރުމަނުގެ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ބުޑޫ ޒިވްޒިވާޒޭ އެވެ.