ޚަބަރު

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން އުފައްދާ މެންބަރުންނަށް ވުމަށް ހުޅުވާލައިފި


  • މެމްބަރުންނަށް ވުމަށް ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ވަނީ ހުޅުވާލާފައި

  • މެމްބަރަކަށް ވުމުގެ ސުންގަޑި މޭއި 27 ގެ ނިޔަލަށް

  • އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 7-6 ގައި ބ.ކަމަދޫގައި

ލޯކަލް ކައުންސިލްތައް ތަމްސީލް ކުރުމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ)ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާ، އެޖަމްޢިއްޔާގެ މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމް.އެލް.ސީ.އޭގެ މެންބަރުންނަށް ވުމަށް ރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެމް.އެލް.ސީ.އޭގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން މެންބަރުންނަށް ވާން ބޭނުންވާ ކައުންސިލްތަކުން، އެޖަމްޢިއްޔާގެ މެންބަރުން ދައްކަންޖެހޭ ޗަންދާ ދެއްކުމަށް އެއްބަސްވެ، ކައުންސިލުން އެޖަމްޢިއްޔާގެ ކަންކަމުގައި ތަމްސީލް ކުރާނެ މަންދޫބެއް ކަނޑައަޅައި، ކައުންސިލްގެ ގަރާރަކުން ފާސްކުރަންޖެހޭ ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

އެމް.އެލް.ސީ.އޭ އަކީ ރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް އެ މުއައްސަސާތަކުގެ މެދުގައި އެކި ކަންކަމުގައި ގުޅުން ބަދަހިކުރުމާއި، އެކުގައި ކަންކަން ހާސިލުކުރުމަށް މަޝްވަރާކުރުމުގެ މާހައުލެއް އުފެއްދުމުގެ މަޤުސަދުގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.

ލޯކަލް ކައުންސިލްތައް ތަމްސީލް ކުރުމަށް މޯލްޑިވްސް ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

އެމްއެލްސީއޭ އުފެއްދުމުގެ މަޤްސަދަކީ ލޯކަލް ކައުންސިލްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ޕްލޭންތައް އެކަށައަޅާ މުއައްސަސާތަކަކަށް ހެދުމަށް ބާރުއެޅުމަށާއި، ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގައި، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުމަށް މަސައްކަތް ކުރުން ކަމަށް އެޖަމްޢިއްޔާއިން ހާމަކުރެއެވެ.

މިޖަމްޢިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ޖަމްޢިއްޔާގެ މަޤުސަދުތަކާއި، ޖަމްޢިއްޔާގެ މެންބަރަކަށްވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، އެސޯސިއޭޝަންގެ އިފްތިތާހީ ޖަލްސާ އާއި ހިންގާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އެމް.އެލް.ސީ.އޭގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. ޖަމްޢިއްޔާގެ އިފްތިތާހީ ޖަލްސާ އަދި ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 7-6 ގައި ބ. ކަމަދޫގައެވެ.