ޚަބަރު

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައި އޮއްވާ ޔަހޫދީންގެ ވަރުގަދަ ޙަމަލާއެއް ބައިރޫތަށް


ޔަހޫދީން ލުބުނާނުގެ ވެރިރަށް ބައިރޫތަށް ވަރުގަދަ ވައިގެ ޙަމަލާއެއް ދީފިއެވެ. މިއީ ޔަހޫދީންނާއި ލުބުނާނުގެ ހަަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙިޒްބުاللهއާ ދެމެދު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރި ފަހުން ދީފައިވާ މި ފަދަ ފުރަތަމަ ބޮޑު ޙަމަލާއެވެ.

ޔަހޫދީ އަސްކަރިއްޔާއިން ޙަމަލާ ދީފައި ވަނީ ޙިޒްބުاللهގެ ބާރުގެ ދަށުގައި އޮންނަ ބައިރޫތުގެ ސަރަޙައްދެއްގައި ހުރި ޑްރޯން ރައްކާކުރާ ގުދަނަކަށެވެ. ބޮޑު ޙަމަލާ ދިނުމުގެ އިރުކޮޅެއް ކުރިން ހަމަ އެ އިމާރާތަށް އެއަށްވުރެ ކުޑަ ތިން ޙަމަލާ ދީފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީން ވަނީ ޙިޒްބުاللهގެ ބާރު އޮންނަ ލުބުނާނުގެ ދާހިޔާއަށް ޙަމަލާ ދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ ގިނަ ޢަދަދެއްގެ އިސްވެރިން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ހިމެނެއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޔަހޫދީން ދެމުންދިޔަ ޙަމަލާތައް މިދިޔަ ނޮވެމްބަަރު މަހުގެ ތެރޭގައި ހުއްޓާލީ އެމެރިކާ އިސްވެ އޮވެ ޔަހޫދީންނާއި ޙިޒްބުاللهއާ ދެެމެދު ޤާއިމު ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ދެކުނު ލުބުނާނުން ޙިޒްބުاللهގެ ހަނގުރާމަވެރިންނާއި ހަތިޔާރު ބޭލުމަށް ޝަރުުތު ކޮށްފައިވެއެވެ. އަދި ޔަހޫދީ ފައުޖު ވެސް އެ ސަރަޙައްދު ދޫކޮށް ދިޔުމަށް އެއްބަސްވެފައި ވެއެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ ނާޒުކު ހާލަތެއްގައެވެ. އެއީ ދެކުނު ލުުބުނާނު ސަރަޙައްދުން ދެ ފަހަރެއްގެ މަތިން ރޮކެޓުތަކެއް ފޮނުވާފައިވާތީއެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއީލު ކެޓްޒް ވަނީ އިޒްރޭލަށް ހަމަޖެހުން ނުލިބޭހާ ހިނދަކު ބައިރޫތުގައި ވެސް ހަމަޖެހުމެއް ނޯންނާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ނަމަވެސް ޙިޒްބުاللهއާ އެ ޙަމަލާތަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އެ ޖަމާޢަތުން ދަނީ ބުނަމުންނެވެ.

ޔަހޫދީން ލުބުނާނަށް ދިން ޙަމަލާއާ ގުޅިގެން ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔަހޫދީން ދޭ ޙަމަލާތައް ހުއްޓުވައި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުމަށް މަޖުބޫރު ކުރުވުމުގެ ޒިންމާ އޮތީ ބައިނަލްްއަޤްވާމީ ދުނިޔެއަށް ކަމަށެވެ. ނޮވެމްބަރު މަހުގެ ތެރޭގައި ޤާއިމު ކުރި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކޮށް ދެމެހެއްޓުމަށް ލުބުނާނުން ފެށުނީއްސުރެ ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޙަމަލާތަކާ ގުޅިގެން އދގެ ލުބުނާނު ސަރަޙައްދަށް ޚާއްޞަ ކޯޑިނޭޓަރު ޖިނީން ހެނިސް-ޕްލަޝާޓް ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. ލުބުނާނުގައި އަނެއްކާ ވެސް ޙަމަލާ ބަދަލު ކުރަން ފަށައިފި ނަމަ ޢާންމުންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށާއި އެ ޙާލަތަށް ކަންތައްތައް ދިޔަ ނުދީ ވޭތޯ މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.