ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޤައުމީ ދިފާޢީ ބާރުން ފައްޓަވައިފިއެވެ.
މިމަސައްކަތް ފެށިގެން ދިޔަގޮތް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވާފައެވެ.
އަރިހުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢިލް ނަޞީރުއާއި އެމްއެންޑީއެފް ސަރވިސް ކޯރގެ ޔުނިޓްތަކުގެ ވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ތެލަސީމިއާ ސެންޓަރާއި ގުޅިފައިވާ ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވެރިކަމާ ޙަވާލުވެވަޑައިގެންވަނީ ހުޅުމާލޭގައި އޮރެންޖް ހިޔާ އިތުރަށް ތަރައްޤީކޮށް އެތަނަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ބަދަލުކުރުމަށް ނިންމަވާފައެވެ.
އެހެންނަމަވެސް އެމަސައްކަތް އެކަށިގެންވާގޮތަށް ކުރިއަށް ނުދާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން މިހާރު ސިފައިންނާއި ޙަވާލުކުރައްވާ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. ސިފައިން މިމަސައްކަތް ކުރައްވަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއެކު އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ހުކުރު ދުވަހު ފައްޓަވާފައިވާކަމަށް ޤައުމީ ދިފާޢީ ބާރުންވަނީ ވިދާޅުވެފައެވެ.
ތެލަސީމިއާ ސެންޓަރު ތަރައްޤީކުރަމުން އަންނަ އޮރެންޖް ހިޔާގެ އެތެރޭގެ ސްޓްރަކްޗަރގެ ބޮޑުބައެއް އަދިވަނީ ނުނިމިއެވެ. މިގޮތުން ޚިދުމަތް ދިނުމަށް ޤާއިމުކުރަންޖެހޭ އެކި ސަރަޙައްދު ވަކިކޮށް އެތަންތަން ސީލިންކުރުމާއި މިފަދަ މުހިއްމު މަސައްކަތް އަދިވަނީ ނުނިމިއެވެ.
ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށައިފި. pic.twitter.com/oFVzX1S5n4
— Maldives National Defence Force (@MNDF_Official) March 28, 2025
އެމްއެންޑީއެފްއިން ވިދާޅުވީ، ދިފާޢީ ވަޒީރު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން ފެށި މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސަރވިސް ކޯރގެ ބެލުމުގެ ދަށުންކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރުންނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުން މެދުވެރިކޮށް އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެ އިމާރާތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިން ޓީމުން އަލުން އެސެންޓަރުގެ ޑިޒައިނަށް ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. މި މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މިމަސައްކަތް އޭޕްރީލް މަހަށް ނިންމުމަށް އަމާޒުހިފާފައިވާއިރު، ޚިދުމަތް ދޭން ފެށުމުން އެމްޓީސީސީގެ ބަސް މެދުވެރިކޮށް ހިލޭ ބަހުގެ ޚިދުމަތް އޮރެންޖް ހިޔާއަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ. އަދި ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ވަޞީލަތް ހަމަކުރުމަށް މަސައްކަތް ކުރައްވަމުންދާއިރު ނަރުހުން ހޯދުމަށްވެސް މިހާރުވަނީ ޢިއުލާންކުރައްވާފައެވެ.
2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރ ޖެނަރަލްއެއް ނެތި ހިންގަމުން އައި ތެލަސީމިއާ ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސްގެ ތެރެއިން ޑީޖީއެއް ހަމަޖައްސަވާދެއްވާފައެވެ.
ރާއްޖޭގައި އޮތް ތެލަސީމިއާގެ ޙާލަތު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާފައިވާ ސްޓޭޓް އޮފް ދަ އާޓް ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ޢަމަލީ މަސައްކަތް ފެށުމަކާއި ގާތްވެފައިވާކަން ސަރުކަރުން ފާހަގަކުރައްވައެވެ.