ޚަބަރު

ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް، މޭ މަހުގެ 26ގައި


  • ޙައްޖުވެރިން ދަތުރުކުރާނީ މޯލްޑިވިއަން އާއި ސައުދިއާ އެއަރލައިނުން

  • ދިވެހި ޙައްޖުވެރިން ގެންދަން 4 ދަތުރެއް ބާއްވާނެ

ރާއްޖެއިން މިއަހަރު ޙައްޖަށްދާ ދިވެހިން ސަޢޫދީއަށް ދަތުރުކުރަން ފަށާނީ މޭ މަހުގެ 26 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް ވިދާޅުވީ ވައިގެ ދަތުރުތަކާއި އެއްގަމު މަގުން ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމްތައްވެސް މިހާރު ނިމިފައިވާކަމަށެވެ.

މިއަހަރު ރާއްޖެއިން މިހުން ޙައްޖަށް ގެންދިއުމުގެ އިދާރީ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ދަތުރުފަތުރުގެ އިންތިޒާމްތަކެވެ. ސައުދީގައި ހުންނަވާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރާއްޖެއިން މީހުން ސަޢުދީއަށް ގެނައުމާއި ގެންދިއުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި ސައުދީގެ ސައުދިއާ އެއަރލައިން މެދުވެރިކޮށްކަމަށެވެ.

މިއިން ކޮންމެ އެއަރލައިނަކުން 500 މީހުން ދަތުރުކުރާނެއެވެ. ޝަކީލް ވިދާޅުވީ އެއަރލައިންތަކާއެކު އެއްބަސްވުން ޤާއިމުކުރުމާއި ފައިސާގެ ކަންކަންވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

"ސަޢުދީއަށް ދިވެހިން އައުމަށް ހަމަޖެހިފަވަނީ މޭމަހުގެ ފަހުކޮޅު. 4 ފްލައިޓް ދަތުރަކަށް ބަހާލައިގެން 1000 މީހުން ދަތުރުކުރާނީ. އެއީ މޭމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު. އެއީ ސަޢުދިއާގެ ދެ ފްލައިޓް އަދި މޯލްޑިވިއަންގެ 2 ފްލައިޓް" ޝަކީލް ވިދާޅުވިއެވެ.

އެތެރޭގައި ކުރާ ދަތުރުތަކުގެ އިންތިޒާމްތައްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ޝަކީލް ވިދާޅުވީ މި ދަތުރުތައް ކުރުމުގެ އެއްބަސްވުންތައް ޤާއިމުކޮށް އަދި އެކަމަށް ފައިސާ ދެއްކުމުގެ އިންތިޒާމްތައްވެސް މިހާރު ނިމިފަވާކަމަށެވެ.

އެއްގަމު ދަތުރުތައްވެސް ޙައްޖު ކޯޕަރޭޝަނުން ރާވަނީ، އެންމެ ލުއިފަސޭހަ އިންތިޒާމްތަކާއެކުއެވެ. އެގޮތުން މައްކާ މަދީނާ ދަތުރު މިހާރު ހަރަމައިން ރޭލުގައި ކުރަމުންދާއިރު، ބަސްދަތުރުތައްވެސް ކުރަނީ އެންމެ ޒަމާނީ ބަސްތަކުގައެވެ.

ޝަކީލް ވިދާޅުވީ އިދާރީގޮތުން ހަމަޖައްސަންޖެހޭ މަސައްކަތްތަކުގެ %90 މުޅިން ނިމިފަވާކަމަށެވެ. އެގޮތުން ޙައްޖުވެރިންނަށް ދަޢުވަތު ފޮނުވުމާއި ހުރުމާއި ދަތުރުތަކާއި އަދި އެނޫންވެސް ހަމަޖައްސާޖެހޭ އިންތިޒާމްތަކުގެ އިދާރީ ބައިތައް ފުރިހަމަކޮށްފަވާކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް ނިންމަވައި،
ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.