ޚަބަރު

ހުޅުމާލޭގެ ކަންނެލި ޖެޓީ ސަރަޙައްދާ ގުޅޭ ކަންބޮޑުވުންތައް ހައްލުކުރުމަށްދަނީ މަސައްކަތްކުރަމުން: ވަޒީރު


  • މުދާ އުފުލާ ދޯނިތަކުންވެސް އެސަރަޙައްދު ބޭނުންކުރުން

  • މިގޮތަށް ދިމާވަނީ ހުޅުމާލޭ ފަޅުތެރެ ހިއްކަމުންދާތީ ޖާގަ ކުޑަވެގެން

ހުޅުމާލޭ ކަންނެލި ޖެޓީއާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއެކު މަސައްކަތްކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ކަންނެލި ޖެޓީއާއި ގުޅިގެން މަސްވެރިންގެ ޝަކުވާތައް ހިއްސާކޮށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިންވަނީ އެކްސްގައި އެފަރާތްތަކުގެ ޝުޢޫރު ހިއްސާކޮށްފައެވެ. އެގޮތުން އެ ޖެޓީއަކީ މަސްވެރިންނަށް ޚާއްސަ ސަރަޙައްދެއްނަމަވެސް މުދާ އުފުލާ ދޯނިފަހަރު އެސަރަޙައްދު ބޭނުންކުރަމުންދާކަމުގެ ކަންބޮޑުވުން މަސްވެރިންވަނީ ޙީއްސާކޮށްފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ އެސަރަޙައްދުގައި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުން ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން އެޗްޑީސީއާއެކު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ތިންވަނަ ފިޔަވަހީގެ ދަށުން ހުޅުމާލެ ހިއްކަމުންދާތީ ފަޅުތެރެއިން ޖާގައިގެ ދަތިކަން ހުރިކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެނައުމަށް ހުޅުމާލޭ މާސްޓަރ ޕްލޭންގައި އޮތް ޔޮޓްމެރީނާ ތަރައްޤީކުރާ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރުން ފެއްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިގޮތުން ހުޅުމާލޭ ފަޅުތެރެއިން 63 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.