ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތު ލައިވްކުރަން ނިންމާފައި ނުވާނެ: ޕީއެސްއެމް


އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވަގުތުން ދައްކާނެ ކަމަށް އޮންލައިން ނޫހެއްކަމަށްވާ "އަދަދު" އިން ޝާޢިއުކުރި ހަބަރު ޕަބްލިކް ސާވިސް މީޑިއާއިން ދޮގުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުންފުނިން އެއްވެސް އިރެއްގައި އެ ރަސްމީއްޔާތު ލައިވް ކުރަން ނިންމާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ރައިސުލްޖުމުހޫރިއްޔާގެ ދަތުރުފުޅު އާންމުކޮށް ކަވަރު ކުރާގޮތަށް ޕީއެސްއެމްގެ ޗެނެލްތަކުގެ ކަވަރުކުރާނެ ކަމަށް ޕީއެސްއެމްއިން މަޢުލޫމާތުދެއެވެ.

އަދި މިގޮތަށް ގެނެސްދޭ ކަވަރޭޖަކީ އެއްވެސް ހާލަތެއްގައި ރަސްމިއްޔާތައް ޚާއްސަކޮށްގެން ގެނެސްދޭ ކަވަރޭޖެއް ނޫންކަމަށް ކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން ތަކުރާރުކޮށް އަދަދު ނޫހުން ޕަބްލިކް ސާވިސް މީޑިއާއި ގުޅޭގޮތުން ދޮގު ޚަބަރުތައް ފަތުރަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އަދަދު ނޫހުގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.