ޚަބަރު

މިއަހަރުގެ ޢަމީރުލްހައްޖަކީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު


  • ޢަމީރުލްހައްޖު، ހައްޖަށް ފުރާ ވަޑައިގަތީ ރާއްޖޭގެ އެންމެ ފަހު ހައްޖު ގްރޫޕާއިއެކުގައި

މިއަހަރުގެ ޢަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމޫރިއްޔާ ކަނޑައަޅުއްވާފައިވާ، ތަޢުލީމާބެހޭ ވަޒީރު، ޑރ.އިސްމާޢިލް ޝަފީއު ހައްޖު އަޅުކަމަށް ފުރާވަޑައިގެންފިއެވެ.

ހައްޖުގެ އަޅުކަމަށް ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޝަފީޢު ވިދާޅުވީ، ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށާއި ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ.

ވަޒީރު ޝަފީޢު ވިދާޅުވީ މިފަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ ހައްޖުވެރިން ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްދާ ފަހަރުކަމަށެވެ. އެގޮތުން 1100 އަށް ވުރެ ގިނަ ދިވެހި ހައްޖުވެރިން މިހާރު މައްކާއަށް ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" މިވަގުތު ދަންނަވާލަން ބޭނުންވަނީ އުފާވެރި ހަބަރެކޭ. ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅޭ. އިންތިޒާމުތައް ރަނގަޅުވެފައޭވަނީ. ހުރިހާ ކަމެއް އަޅުގަނޑުމެން ތަރުތީބުކޮށްފައިވާގޮތަށޭ މިދަނީ. " ވަޒީރު ވިދާޅުވިއެވެ.

އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ވަޒީރު ޝަފީޢުގެ ބެއްލެވުމުގެ ދަށުންނެވެ.

ޢަމީރުލް ހައްޖު މައްކާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން މިއަހަރު ހައްޖަށް ފުރި އެންމެ ފަހު ގްރޫޕާއެކުގައެވެ. ވަޒީރު ޝަފީއުގެ އިތުރުން ރާއްޖެއިން ހައްޖަށް ފުރި އެންމެ ފަހު ގްރުޕުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުވެސް ވަނީ ފުރާފައެވެ.