ޚަބަރު

ސިވިލް ސަރވިސްއާ ސަރުކާރުގެ ސިޔާސީ މުވައްޒަފުން އެއްމިސްރާބަކަށް މަސައްކަތްކުރަންޖެހޭ - ނާޒިމް


  • ރައްޔިތުންގެ ހިތްހަމަޖެހިގެން ނޫނީ ސިވިލް ސަރވިސް ރަނގަޅަށް ހިނގާކަމަކަށް ނުވާނެ

  • ސީއެސްސީގެ ކޮންފަރެންސުން ބަދަލުކުރަންވީ ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު

ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިޔުމަށް ސިޔާސީ ގޮތުން ޚިދުމަތަށް ނިކުންނަ ފަރާތްތަކާއި ދިވެހި ސިވިލް ސަރވިސްގެ ޚިދުމަތްތެރިން ގުޅިގެން އެއް މިސްރާބެއްގައި މަސައްކަތްކުރަންޖެހޭކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ސިވިލް ސަރވިސް އެކި ގޮތްގޮތުން ބަދަލުވަމުން ކުރިއަރަމުން އަންނަތާ ގިނަ އަހަރުވެފައިވާކަމަށާއި، މިނިޒާމުގައި ބޭރުގެ ކުލަތައް ޖެހެންފެށީ ދާދިފަހަކުންކަމަށެވެ. އަދި މިއަދު އާދެވިފައިވާ ހިސާބުން ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ވިސްނަންވީ އަދި އުފައްދަންވީ މުހިއްމު ސުވާލުތަކެއް ހުރިކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމްވަނީ ރާއްޖޭގެ ސިވިލް ސަރވިސްގެ ޚިދުމަތުގެ މައްޗަށް ބައްލަވާލައްވާފައެވެ. އެގޮތުން ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކުން ހިތްހަމަޖެހުމާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ހިތްހަމަޖެހުމުގެ މައްޗަށް ފުރިހަމަ ޚިދުމަތެއް ބައްޓަންވެގެންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

އަދި ޚިދުމަތްދޭން ތިބި ފަރާތްތަކުން ހިތްހަމަޖެހުން ގުޅިފައިވަނީ މަސައްކަތް ކުރަން އޮތް މާޙައުލަށްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން ކިތަންމެ ކޮލިޓީ މުވައްޒަފުންތަކެއްގެ ފަރާތުންވެސް ރަނގަޅު ނަތީޖާ ނުނެރެވޭ މައިގަނޑު ސަބަބަކީ ރަނގަޅު މަސައްކަތުގެ މާޙައުލެއް ފަހިވެފައި ނެތުންކަން ދިރާސާތަކުން ފެންނަކަމަށް ނާޒިމް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސިވިލް ސަރވިސްއަކީ ޤައުމުގެ ތަރައްޤީގައި މުހިއްމު ހިއްސާއެއްކަމަށެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް އޭރަކު އިންތިޚާބުވާ ސަރުކާރުން ޢައްޔަންކުރާ ސިޔާސީ ފަރާތްތަކާއި ގުޅިގެން އެއް މިސްރާބަކަށް މަސައްކަތްކުރެވޭނެ މާޙައުލެއް އޮންނަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

"ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން. އެވަޤުދުތައް ފުއްދުމަށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުންގެ އެހީ ބޭނުންވާނެ. އެއް މިސްރާބަކަށް ދާނަމަ ނަތީޖާ އަވަހަށް ނެރެވި އޭގެ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް." ނާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން ކޮމިޝަނުން ޚިދުމަތް ދިނުމުގައި ބޭނުންކުރާ ވައްޓަފާޅިއަށް ބައެއް ބަދަލު ގެންނަންޖެހޭކަން ފާހަގަވެފައިވާކަމަށެވެ.

"އަޅުގަނޑުމެން އޮންލައިން ޕްލެޓްފޯމަށް ބަދަލުވީއިރު މިގެނައި ކަރުދާހުގައި ޚިދުމަތް ދިނުމަށް ބޭނުންކުރި ގޮތްހަމަ. އެހެންނަމަވެސް މިހާރު އަޅުގަނޑުމެނަށް މައްސަލަތައް ފާހަގަވެއްޖެ.އޮންލައިން ޕްލެޓްފޯމަކަށް ދާއިރު އަޅުގަނޑުމެން ޑިޖިޓަލް މައިންޑްސެޓަކަށް ދާން އެބަޖެހޭ. މިކޮންފަރެންސުން ދަސްވި ވަަރަށް ބޮޑު ފިލާވަޅެއް އެއޯ އަޅުގަނޑުމެންގެ ޕްރޮސެސް ރީއިންޖިނިއަރކުރުމަށް ވަރަށް ގިނަ ވިސްނުން ވިސްނާ މަސައްކަތްތަކެއް ކުރަންޖެހޭކަން" ނާސިޙް ވިދާޅުވިއެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބޭއްވި ސިވިލް ސަރވިސް ކޮންފަރެންސަށް ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ. އަދި ރައްޔިތުންނަށް ޚިދުމަތްދިނުމާއި ޤައުމުގެ ތަރައްޤީގައި އެންމެ ކުރީ ސަފުގައި ޚިދުމަތްކުރާ ބައެއްގެ ޙައިސިއްޔަތުން ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ޚިދުމަތް ހަރުދަނާކުރުމާއި ގުޅޭގޮތުން އެކި ފަރާތްތަކުގެ ވިސްނުންވަނީ ހިއްސާކޮށްފައެވެ. މިކޮންފަރެންސްގައި އެކި ދާއިރާތަކުން ޕޭޕަރު ހުށައެޅި ފަރާތްތަކަށްވަނީ އެކަމުގެ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކޮންމެ ދެ އަހަރަކުން އެއްއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޮންފަރެންސް ބާއްވަން ފަށާފައިވަނީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން 2016 ވަނަ އަހަރާއި، 2018 ވަނަ އަހަރު ކޮންފަރެންސެއް ބޭއްވުމަށްފަހު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ނުވެއެވެ.