ޚަބަރު

ކުރީ ސަރުކާރުން ޤައުމުގެ މިނިވަންކަމަށް އުނިކަން އަންނަގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކުރަން ސަބްކޮމިޓީއެއް


  • ހައިޑްރޮގްރަފީ، އުތުރުތިލަފަޅު އަދި ޑޯނިއާ އެއްބަސްވުން ތަހުގީގު ކުރަން ހުށަހެޅުއްވި

  • ތަހުގީގު ކުރުމަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން

ކުރީ ސަރުކާރުން ޤައުމުގެ މިނިވަންކަމަށް އުނިކަން އަންނަގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކުރަން ސަބްކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިކޮމިޓީ އެކުލަވާލާފައިވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައެވެ. މި މައްސަލަތައް ބެލުމަށް އެ ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގެވެ.

ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް އަޒާން ހުށަހެޅުއްވީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަގޮތަށް އޭރުގެ ސަރުކާރާއި އެކި އިދާރާތަކުގެ އިސްވެރިން އަމަލުކޮށްފައިވާތީ އެކަންކަން ހިނގާދިޔަ ގޮތް ބެލުމަށެވެ. އޭނާ އެމައްސަލަ ހުށަހަޅުއްވާފައިވަނީ ޤާނޫނު އަސާސީން މަޖިލީހަށާއި 241 ކޮމިޓީއަށް ލިބޭ ބާރުގެ ދަށުން ޕާލަމަންޓްރީ އިންކުއަރީއެއް ހިންގުމަށެވެ.

އަޒާން ވަނީ މައިގަނޑު ތިން ކަމެއް ބެލުމަށް ހުށަހަޅުއްވާފައެވެ. އެއީ އިންޑިއާއާ އިރާއްޖެއާ ދެމެދު ސޮއިކުރެވުނު ހައިޑްރޯގްރަފީ އެއްބަސްވުމާއި އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ބަނދަރުގެ އިތުރުން ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމާ ގުޅުންހުރި ކަންކަން ބެލުމަށެވެ. މީގެ ތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ހުށަހެޅުމުން އޭރު ސޮއިނުކޮށް އޮތް އެއްބަސްވުމެއް ކަމަށާއި މިދިޔަ ސަރުކާރުން ސޮއިކުރުމުގައި އެމްއެންޑީއެފްގެ ވިސްނުން ފަހުން ބަދަލުވިގޮތް ބަލަން ބޭނުންވާކަމަށް އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރުތިލަފަޅުގައި ހަދަމުންއަންނަ ބަނދަރުގެ އެއްބަސްވުން ހިނގިއިރު އޭރު ޤައުމީ ދިފާޢީ ބާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށްވެސް އެއްބަސްވުން ފެނިފައިނުވާކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ ކަންބޮޑުވުންތައް އެބަހުރިކަން އަޒާން ފާހަގަކުރެއްވިއެވެ.

މިތިން މައްސަލައިގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްވަނީ ކުރީ ސަރުކާރުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގައި އަމަލުކުރި ގޮތް ބެލުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

މިތަހުގީގު ކުރިއަށްދާ ގޮތް ރޭވުމަށްޓަކައި ހަތަރު މެންބަރުންގެ ކޮމިޓީއެއްވެސް 241 ކޮމިޓީން ވަނީ އެކުލަވާލާފައެވެ.

ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް
ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު