ތިމާވެށި

ދިރިއުޅޭ ވެށި ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަންޖެހޭ


އަޅުގަނޑުމެންގެ ހަށިގަނޑުގެ ސާފުތާހިރުކަމާ އެއްވަރަށް، ދިރިއުޅޭ ވެށިވެސް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް ހިތާމައަކީ، ގިނަ ބަޔަކު މަގުތަކަށް ކުނި އެޅުމުގައި ސަމާލު ނުވާކަމެވެ.

މަގުތަކަށް ކުނި އެޅުމުގެ ނުރަގަޅު އާދައަކީ، ކުޑަކުދިންވެސް އެކަމާ ވަރަށް ކަންބޮޑުވާ ކަމެކެވެ. ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ތެރެއިންވެސް އެންމެ މުހިއްމު އެއް ރަށަކީ ވެރިކަންކުރާ ރަށް، މާލެއެވެ. މާލޭގެ މަގުތަކަށް ބަލާލުމުން މިހާރު ފާހަގަވެގެންދަނީ މަގުތަކުގެ ކަންމަތިތަކާއި، ޕާކްކޮށްފައިވާ ވެހިކަލްތަކުގެ ފުރަގަހާއި، އަދި ހުސް ބިންތަކަށް އަޅާފައިވާ ކުންޏެވެ. އަދި، އުކާލާފައި އޮންނަ ކުނި ކޮތަޅުތަކެވެ. އަދި، މިފަދަ ކުނި ކޮތަޅުތަކުން ދުވާ ވަސްވެސް މިއީ، ހަމަ މި ރީތި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ މަގުތައް ބާވައޭ ސުވާލުކޮށްލަން ޖެހޭ މިންވަރަށް މި މައްސަލަ މިވަނީ ބޮޑުވެފައެވެ. img:http://s2.psmnews.mv/images/660x400/14629011479952.jpg|މާލޭ މަގުތަކުގައި ކުނި - ފައިލް ފޮޓޯ: ޕީއެސްއެމް

މި މަގުތަކަކީ ހަމަ އެންމެންވެސް ބޭނުންކުރަން އޮތް މަގުތަކެކެވެ. އަދި، މި މަގުތަކުގެ ސާފު ތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ ކޮނޑުގައިވެސް އެޅިފައިއޮތް ޒިންމާއެކެވެ. މަގުމައްޗަށް ކުނި އެޅުމަކީ ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފް، ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ. އަދި މިއީ، ޤާނޫނީ ގޮތުންވެސް މަނާ ކަމެކެވެ. img:http://s1.psmnews.mv/images/660x400/14629011637214.jpg|މާލޭ މަގުތަކުގައި ކުނި - ފައިލް ފޮޓޯ: ޕީއެސްއެމް

ގިނަ އަދަދެއްގެ ކުނި މާލޭގެ މަގުތަކުގައި ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ. މި ގޮތަށް ކުނި ގިނައިން ބަހައްޓާފައި ހުންނަނީ މީހުން ގިނަ އިންއުޅޭ ސަރަޙައްދުތަކުގައެވެ. އެގޮތުން ޕޭންމަންޓްމައްޗާއި މަގުމަތީގައި ހުންނަ ގަސްތަކުގެ ބުޑުގައި ކުނި ބަހައްޓާފައިހުރެއެވެ. އަދި ގިނަ އަދަދެއްގެ ފުޅިއާއި ދަޅުފަދަ ތަކެތި މަގު މައްޗަށް އަޅާފައި ހުންނަކަންވެސް ފާހަގަކޮށްލެވެއެވެ.

މިކަންކަމަކީ މުޖުތަމަޢުގެ އެންމެން ކުރާ ކަމެއް ނޫންކަމުގައިވިޔަސް މަދު ބައެއްގެ މިފަދަ ޢަމަލުތަކުގެ ސަބަބުން މުޅި މުޖުތަމަޢުގެ އެންމެނަށް ދަނީ އޭގެ އުނދަގޫ ކުރިމަތިވަމުންނެވެ. މިކަމަކީ ކޮންމެ މީހަކުވެސް ވިސްނާލުން ރަނގަޅު ކަމެކެވެ.