ޚަބަރު

ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޚާއްސަ ވެބިނަރއެއް ބާއްވައިފި


  • ހަރަކާތް އަމާޒުކުރީ 100 ޓްރެވަލް ޕްރޮފެޝަނަލުންނަށް

  • ރާއްޖެއާއި ބެހޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައި

  • ފުރަތަމަ 6 މަސްދުވަހު ޖަޕާނުން ޒިޔާރަތްކުރީ 9333 ފަތުރުވެރިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން މެލޭޝިއާ އެއަރލައިންސްއާއި ގުޅިގެން ޖަޕާނުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ވާޗުއަލް ޕްރޮޑަކްޓް ވެބިނަރއެއް ބާއްވައިފިއެވެ.

މި ވެބިނަރ ބާއްވާފައިވަނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. ހިލޭ ބޭއްވި މި ވެބިނާ ޖަޕާނުގެ ގާތްގަނޑަކަށް 100 ޓްރެވަލް ޕްރޮފެޝަނަލުންނަށް އަމާޒުކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންޑަސްޓްރީގެ ބޭފުޅުންނާއެކު ޑެސްޓިނޭޝަން އަޕްޑޭޓްތައް ހިއްސާކޮށްގެން ޕޮޒިޓިވް މީޑިއާ ކަވަރޭޖް އުފައްދައި، ޖަޕާނުގެ ފަތުރުވެރިންގެ ހިތްތަކުގައި އެންމެ ދާންބޭނުންވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ކަށަވަރުކުރުމެވެ.

މި ވެބިނަރގައި މެލޭޝިއާ އެއާލައިންސް އާއި ރާއްޖެ، މެލޭޝިއާ، އަދި ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީތަކުން ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދިޔައެވެ. ޕްރެޒެންޓޭޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މެލޭޝިއާ އެއާލައިންސްގެ ޝެޑިއުލާއި އޮފަރތަކަށެވެ. މީގެއިތުރުން، ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންތަކުގައި ވަކިން ހާއްސަކޮށް އާ ފްލައިޓްތަކަށް އަލިއަޅުވާލައި، މެލޭޝިއާއާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން އަންގުވައިދީފައިވާކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖަޕާނު މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެކެވެ. ކޮވިޑް-19ގެ ފަހުން ޖަޕާނުން ރާއްޖެ އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ ގިނަވަމުންނެވެ. މިދިޔަ އަހަރު ޖަޕާނުން ރާއްޖެ އައިސްފައިވަނީ 23،041 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 9،333 ފަތުރުވެރިންނެވެ.