ޚަބަރު

އަމިއްލަ ފަރާތަކުން އިހަވަންދޫގައި މިސްކިތެއް ބިނާކުރަނީ


  • އިހަވަންދޫގައި ބިނާ ކުރަނީ 150 މީހުންގެ ޖާގައިގެ މިސްކިތެއް

  • ޝައުގުވެރިވާ އަމިއްލަ މީހުންނަށް މިސްކިތް ބިނާކުރަން ފުރުޞަތުދިނުމަކީ ސަރުކާރުގެ ސިޔާސަތެއް

އަމިއްލަ ފަރާތަކުން ހއ. އިހަވަންދޫގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއެކު ސޮއިކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތް ޢިމާރާތްކުރުމަށް ޚަރަދުކުރަނީ އަމިއްލަ ފަރާތަކުންކަމަށެވެ. އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެވުޒާރާއިން ވިދާޅުވީ މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އާސިމް ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި އައު މިސްކިތް ޢިމާރަތްކޮށް، މިހާރު ހުރި މިސްކިތްތައް އާބާތުރަ ފިލުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރައްވަމުންނެވެ. ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީގެ އިތުރުން ޢާއްމުންގެ އެހީތެރިކަމާއެކު މިމަސައްކަތް އަންނަނީ ކުރަމުންނެވެ.

މިސްކިތް ބިނާކުރުމަށް ޝަޢުގުވެރިވާ ފަރާތްކަށް، އެކަމަށް ބޭނުންވާ ބިމާއި އަދި ބޭނުންވާ އިދާރީީ އެހީތެރިކަން ފޯރުކޮށްދީ އެކަން ކުރުމަށް ފަސޭހަތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިސްކިތް ބިނާ ކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދެއްވުމަކީ އަދުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.