ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި


  • ތެރަޕީ ދިނުމުގެ މަސައްކަތް ކުރާ 5 ދާއިރާއެއްގެ ތެރަޕިސްޓުން ބައިވެރިވި

  • ސައިކޮލޮޖިސްޓުންވެސް މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ސިއްޙީ ވުޒާރާ އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ ގުޅިގެންވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ރިހެބިލިޓޭޓިވް ތެރަޕީގެ މަސައްކަތްތައް ކުރާ ފަރާތްތަކާއެކު މޭ 31 އިން 1 ޖޫން އަށް ބޭއްވި މިމަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ ފެންވަރު ރަނގަޅު ކުރުމަށް އެފަރާތްތަކުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކާގުޅޭ މިންގަނޑުތައް އެކުލަވާލެވުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގައި މިވަގުތު ތެރަޕީ ދިނުމުގެ މަސައްކަތް ކުރާ 5 ދާއިރާއެއްގެ ތެރަޕިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވިކަމަށެވެ. މި 5 ދާއިރާއަކީ ސްޕީޗް ތެރަޕީ، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަ ތެރަޕީ އަދި އާލީ އިންޓަވެންޝަނެވެ.

ތެރަޕިސްޓުންގެ އިތުރުން ސައިކޮލޮޖިސްޓުންވެސް މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ. މިމަސައްކަތު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި 5 ދާއިރާގެ ތެރަޕީ ދިނުމުގައި ޤައުމީ ފެންވަރުގައި ބަލާނެ މިންގަނޑުތަކެއް އެކުލަވާލާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުރިއަށް ދެން އޮތީ މި މިންގަނޑުތަކަށް ކަމާބެހޭ ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމާއެކު ވެލިޑޭޓް ކުރުމުގެ މަރުހަލާކަމަށެވެ. އަދި އެއަށްފަހު ރާއްޖޭގައި ތެރަޕީގެ ޚިދުމަތްދޭ ފަރާތްތައް މި މިންގަނޑުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތަކީ މުޖްތަމައަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަކަށްވާއިރު ތެރަޕީގެ ޚިދުމަތްތައް ދިނުމުގައި ޤައުމީ ފެންވަރުގެ މިންގަނޑުތަކެއް އެކުލަވާލެވުމަކީ ތެރަޕީތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހޯދާ ފަރާތްތަކަށް ލިބިގެން ދާނެކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަސައްކަތުން ޙާސިލް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތްތަކާއި ގުޅޭ ތަފުސީލް މިންގަނޑެއް އެކުލަވާލުންކަމަށެވެ. މިއާއެކު ޚިދުމަތް ހޯދާ ފަރާތްތަކުގެ ދުޅަހެޔޮކަން އިސްކޮށް، ރައްކާތެރި، ނަތީޖާނެރުވަނިވި ގޮތަކަށް ތެރަޕީ ޚިދުމަތުގެ އެންމެހާ ކަންކަން ބައްޓަންކުރެވޭނެކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.