ޚަބަރު

ރައީސް މުއިއްޒު ގެންދަވަނީ ފަލަސްތީނުގެ ހައްގުގައި ފަސްޖެހިވަޑައިނުގެން ވަކާލާތުކުރައްވަމުން: ފަލަސްތީނު ސަފީރު


  • ރާއްޖެއިން ބައިނަލްއަޤްވާމީ ހުރިހާ ޕްލެޓްފޯމެއްގައި ފަލަސްތީނުގެ ހައްޤުގައި ވަކާލާތު ކުރާކަމަށް

  • ރައީސް ޑރ. މުޢިއްޒު ސޯޝަލް މީޑިއާގައި ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަންނަ ކަމަށް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ސަރުކާރުން ފަލަސްތީނުގެ ހައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އަބޫ ޢަލީ ސަރުކާރަށް ތައުރީފްކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ފޯނު މެދުވެރިކޮށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ފަލަސްތީނު ސަފީރު ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަލަސްޠީނުގެ ހައްޤުގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ޤައުމެއް ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ ހުރިހާ ޕްލެޓްފޯމެއްގައިވެސް ފަލަސްތީނުގެ ހައްޤުގައި ވަކާލާތު ކުރައްވަމުން ގެންދަވާކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން އ.ދ އާންމު މަޖިލީހާއި އދގެ އެކި ޕްލެޓްފޯމުތަކުގެ އިތުރުން، އައި.ސީ.ޖޭ އަދި އައި.ސީ.ސީ އަދި ބައިނަލްއަޤްވާމީ އެހެން ޕްލެޓްފޯމްތަކުގައިވެސް ރާއްޖެއިން ކުރަމުންދާ މަސައްކަތް ސަފީރު ފާހަގަކުރެއްވިއެވެ.

"ފަލަސްޠީނުގެ ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން ޑރ.މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ފަޚުރުވެރިވޭ. ޚުދު އެމަނިކުފާނުވެސް ސޯޝަލް މީޑިއާގައި މިމައްސަލައިގައި ވަރަށް ބޮޑަށް ވަކާލާތު އެބަކުރައްވާ. ޤައްޒާ އަދި ރަފަޙްގައި ހިނގަމުންދާ ކަންކަން އެމަނިކުފާނު ވަނީ ކުއްވެރިކުރައްވާފައި. އެހެންކަމުން ރައީސް މުޢިއްޒު މިމަސައްކަތް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން" ފަލަސްތީނު ސަފީރު ވިދާޅުވިއެވެ.

ފަލަސްތީނު ސަފީރު ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް، އ.ދ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބިފައި އޮތުމުން، ބައިނަލްއަޤްވާމީ ފެންވަރުގައި ފަަލަސްތީނުގެ ހައްގުގައި ރާއްޖެއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ ކޮންމެ ޕްލެޓްފޯމެއްގައިވެސް ފަސްޖެހިވަޑައިނުގެން ފަލަސްތީނުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިން އަޑު އުފުލަމުންދާކަން އުފަލާއެކު ފާހަގަކުރާކަމަށް ސަފީރު ވިދާޅުވިއެވެ.

"ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަސްޖެހިވަޑައިނުގެން 4 ކަމަކަށް އިސްކަން ދެއްވާ. އޭގެއިން އެންމެ ފުރަތަމަ އަދި މުހިންމު ކަމަކީ، ބައިނަލްއަޤްވާމީ ހުރިހާ ފޯރަމެއްގައި ފަލަސްތީނުގެ ހައްޤުގައި ރާއްޖެއިން ވަކާލާތު ކުރަމުންދާކަން " ފަލަސްތީނު ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ފަލަސްޠީނުގެ ހައްޤުގައި ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތާއި މެދު އެއްވެސް ބަޔަކު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށާއި، އެކަމުގައި ރާއްޖެއިން ދައްކަނީ ދުނިޔެއަށް މިސާލެއްކަމަށެވެ.

ފަލަސްޠީނުގެ ހައްޤުގައި ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތަށް އެ ޤައުމުގެ ސަފީރު ތައުރީފްކުރައްވާފައިވާއިރު، ފަލަސްޠީނުގެ ހައްޤުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.