ސައުދީ ޕްރޯ ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ރިކޯޑުތަކާއެކު އަލް ނަސްރުން 4-2 ގެ ނަތީޖާއަކުން އަލް އިއްތިހާދު ބަލިކޮށްފިއެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ރޮނާލްޑޯއަށް ވަނީ ސައުދީ ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑުގެ އިތުރުން ހަތަރު ލީގެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ލިބިފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އަލް ނަސްރުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އޭގެ ފަހުން މި މެޗުގައި އަލް އިއްތިހާދަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 66 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ޑިފެންޑަރު ސްވައިލެމް އަލް މެންހައަލީއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.
އެއާއެކު އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑާއެކު މި ސީޒަނުގެ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 35 އަށް އަރާފައެވެ. މި މެޗުގައި އަލް ނަސްރުން ކާމިޔާނުކުރި ތިންވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަބްދުއްރަހުމާން ގަރީބެވެ.
އެކަމަކު މެޗުގެ 89 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ފަރަހާހް އަލް ޝަމްރަނީ ވަނީ އަލް އިއްތިހާދުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ އިތުރުވަގުތުގެ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ފަބީނިއޯ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޒުވާން ފޯވާޑް މެޝާރީ އަލް ނެމާ ވަނީ އަލް ނަސްރަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 34 މެޗުން އަލް ނަސްރަށް 82 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ލީގު ސީޒަން ނިންމާލީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އިއްތިހާދުން ސީޒަން ނިންމާލީ ކުޅުނު 34 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.