ޚަބަރު

ކްރޫޒްލައިނަރތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަނީ


  • ކްރޫޒްލައިނަރތަކުން އެންމެ ގިނަ ފަތުރުވެރިން އައީ ފެބްރުއަރީމަހު

ކްރޫޒްލައިނަރތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ކްރޫޒްލައިނަރތަކުން ރާއްޖެއަށް 15،500 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ކްރޫޒްލައިނަރތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ކްރޫޒްލައިނަރތަކުން ރާއްޖެއަށް 15،577 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8،263 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %89 އިތުރުވުމެކެވެ.

ކްރޫޒްލައިނަރތަކުން ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 5،237 ފަތުރުވެރިންނެވެ. 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާރޗް މަހުއެވެ. އެމަހު ރާއްޖެއަށް 4،049 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި 3ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޕްރިލްމަހުއެވެ. އެމަހު ކްރޫޒްލައިނަރތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 3،457 ފަތުރުވެރިންނެވެ.

ކްރޫޒްލައިނަރތަކުގައި ރާއްޖެއައި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ފްރާންސްގެ ފަތުރުވެރިންނެވެ. އެ ގައުމުން ރާއްޖެއަށް 31،508 ފަތުރުވެރިން ޒިޔާރަތްކުރިއިރު އޭގެތެރެއިން %5.4 ފަތުރުވެރިން އައިސްފައިވަނީ ކްރޫޒްލައިނަރތަކުގައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ 1 ވަނައިގައި އޮތީ ޗައިނާއެވެ. އެ ޤައުމުން ރާއްޖެއަށް 213،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.