ޚަބަރު

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި


  • 4 މީހުން ހައްޔަރުކޯށްފައިވަނީ 2 އޮޕަރޭޝަނެއްގައި

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީގައި ހިންގި މި 2 އޮޕަރޭޝަންގެ ތެރެއިން އޮގަސްޓު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް ދޫޑިގަން، ކަރަންފޫގެ އުމުރުން 19 އަހަރުގެ މުޙައްމަދު އުމީންއާއި ހދ. ކުމުންދޫ، ފަހިވާ އުމުރުން 30 އަހަރުގެ ޢާއިޝަތު ޢަލީއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމްކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

އޮގަސްޓް 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުރަހަ އުމުރުން 44 އަހަރުގެ ޙުސައިން ނަޢީމްއާއި ހދ.ކުޅުދުއްފުށި، ބަންޑާރަހިޔާ 002ޕީ، އުމުރުން 45 އަހަރުގެ ޢަބްދުއްރަޙްމާން މުޙައްމަދުއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.