ޚަބަރު

ލަންކާގެ ދެ ޖަލެއްގައި ހަމަނުޖެހުން, 3 ޤައިދީން މަރު


ސްރީ ލަންކާގެ ދެ ޖަލެއްގައި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި މިހާތަނަށް ތިން ޤައިދީން މަރުވެ، 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މި ޙާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާބޭހޭ އިދާރާތަކުން ވަނީ އެ ޤައުމުގެ މައި ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އިތުރު ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވާން ފަށާފައެވެ.

ލަންކާގެ ދާޚިލީ ސަލާމަތާބެހޭ ވަޒީރު އާނަންދަ ވިޖޭޕާލާ ޤާނޫނުހަދާ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވެރިރަށް ކޮލަމްބޯގެ ވެލިކަޑަ ޖަލުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމުގައި އެކަކު މަރުވެފައިވާ ކަމަށެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ 40 ވަރަކަށް ޤައިދީން ގޮޅިތަކުން ނުކުމެ، ޖަލުގެ ފުރާޅުމައްޗަށް އަރައި ޖަލު އޮފިސަރުންނާ ކުރިމަތިލުމުގެ ތެރޭގައެވެ.

މީގެ އިތުރުން، ކޮލަމްބޯއާ 80 ކިލޯމީޓަރު ދުރުގައި އޮންނަ ކުރުވިތަ ޖަލުގައި ހުކުރު ދުވަހުގެ ހެނދުނު ހިނގި ކުރިމަތިލުމެއްގައި އިތުރު ދެ ޤައިދީން މަރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ދެ ޙާދިސާގައި ޖުމްލަ 23 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކުގެ މެދުގައި ހިނގި އަރައިރުމެއްގެ ނަތީޖާ ކަމަށް ސަރުކާރުން ބުނެއެވެ. މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ، މިދިޔަ ޖުލައި މަހު ނެގޮމްބޯ ޖަލުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި 26 މީހުން މަރުވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ލަންކާގެ އަދުލުއިންސާފާބެހޭ ވަޒީރު ހަރްޝަނާ ނާނަޔައްކާރާ ފާހަގަކުރެއްވި ގޮތުގައި، ލަންކާގެ ޖަލުތަކުގައި ޖާގައިގެ ދަތިކަން އިންތިހާއަށް އެބައޮތެވެ.

10،000 މީހުންގެ ޖާގަ އޮތް ޖަލުތަކުގައި މިހާރުވެސް 39،000 އަށްވުރެ ގިނަ ކުށްވެރިން ބަންދުކޮށްފައި ތިބިއިރު، މީގެ ތެރެއިން ގިނަ މީހުންނަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުންނެވެ.

ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ބައެއް އިމާރާތްތައް ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ރާވަމުން ދިޔަ ނަމަވެސް، ޢަމަލީ ގޮތުން އަދި އައު ވަޞީލަތްތަކެއް ޤާއިމުކުރެވިފައެއް ނުވެއެވެ. ޖަލުތަކުގައި ތިބި މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި، ޖަލުތައް ތޮއްޖެހުމުގެ ސަބަބުން ޤަިދީންގެ މެދުގައި ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.