ކުޅިވަރު

ދީމާގެ ފުރަތަމަ ރަން މެޑެއްޔާއެކު އޮލިމްޕިކްސްއަށް ކޮލިފައިވެދާނެ ކަމަށް ގަބޫލުކުރެވުނު: ޝިއުރީ


ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތުމަތު ދީމާ އަލީ، ހޯޕްސް މުބާރާތުގައި ރަން މެޑަލް ހޯދި ހިސާބުން އޮލިމްޕިކްސްއަށް ކޮލިފައިވެދާނެ ކަމަށް ގަބޫލުކުރެވިގެންދިޔަ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން ޝިއުރީ ވަނީ ވަރަށް ގިނަ ކަންކަން ރަނގަޅު މަގަށް ގޮސް، ހޯދުނު އައު ކުރިއެރުމެއްގެ ގޮތުގައި ދީމާގެ ކާމިޔާބީ ސިފަކުރައްވާފައެވެ. ޝިއުރީ ވިދާޅުވީ 2019 ވަނަ އަހަރު ދީމާ ރަން މެޑަލް ހޯދުމުގެ ކުރިން، ޓީޓީއަށް އެވަނަ ލިބިދާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުނުކުރާ ކަމަށެވެ.

"
އެއީ އިންޑިއާގައި ބޭއްވި މުބާރާތެއް. ސަރަހައްދީ މުބާރާތެއް، ހޯޕްސް ކެޓަގަރީ މުބާރާތެއް. އިންޑިއާވެސް ބަލިކޮށްފައި ރަން މެޑަލް ހޯދުން އެނގިއްޖެ މަސައްކަތް ކޮށްފިއްޔާ ކާމިޔާބުވާނެކަން.
އިބްރާހީމް ޝިއުރީ - ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް

ދީމާ ވަނީ އޭގެ ފަހުން ދެކުނު އޭޝިއާގެ ޓީޓީ މުބާރާތުން ހޯދި ރިހި މެޑެއްޔާއެކު ދުނިޔޭގެ ޓީޓީ މުބާރާތަށް ކޮލިފައިވެފައެވެ. އަދި އޭގެ ފަހުން ދިވެހި ސަރުކާރާއި ޗައިނާގެ އެހީއާއެކު ދިމާގެ ތަމްރީނުތައް ކުރިއަށްގެންގޮސް، 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ގިނަ ރަން މެޑަލްތަކެއް ހޯދައި، ކުޅިވަރ ތާރީޚު ދީމާ ވަނީ ބަދަލުކޮށްލާފައެވެ.

ޝިއުރީ ވިދާޅުވީ ޓީޓީގެ ކުރީގެ ކުޅުންތެރިން އެޅި ރަނގަޅު ބިންގަލާއެކު، ރާއްޖެއަށް ރަން މެޑަލް އެއީ ހޯދިދާނެ އެއްޗެއްކަން ސާބިތުކޮއްދިނީ ދީމާގެ ކާމިޔާބީން ކަމަށެވެ. އަދި 2019 ވަނަ އަހަރު ލިބުނު ބޮޑު ކާމިޔާބާއެކު، ޓީޓީއަށް އެ ކާމިޔާބީ ތަކުރާރުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ޝިއުރީ ވިދާޅުވިއެވެ. އެގޮތުން މިދިިޔަ އަހަރުގެ އައިއޯއައިޖީގައި އެ ކާމިޔާބު ދިފާއުކުރަން ނުކުތުމުން ވަރަށް ޕްރެޝަރު ކުރިމަތިވި ކަމަށާއި، އެ ޕްރެޝަރާ އެކުގައިވެސް ރަނގަޅު ކާމިޔާބީއެއް ހޯދުނު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިހާރު ދިމާ މި ވާނީ އުމުރުން އެންމެ 16 އަހަރުގައި ދެކުނު އޭޝިއާ ކޮލިފައިން ކާމިޔާބުކޮށް، ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންނަށް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތުތަކުގައެވެ.