2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދި ހިސާބުން ފެށިގެން އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އަމާޒުހިފި ކަމަށް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ބުނެފިއެވެ.
ދެކުނު އޭޝިއާ ކޮލިފައިން ކާމިޔާބުކޮށް ދީމާ ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންނަށް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތުތަކުގައެވެ.
ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ދީމާ ބުނީ ފުރަތަމަ ލިބުނު ރަން މެޑެއްޔާއެކު ރާއްޖެއިން ބޭރުން ލިބޭ ކޮންމެ ފުރަސަތެއްގައިވެސް އެންމެ ބޮޑަށް މަސައްކަތް ކުރީ އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ވިސްނުމާއެކު ކަމަށެވެ. އަދި ލިބުނު ފުރުސަތާއެކު ބޮޑު އުފަލެއް ލިބިއްޖެ ކަމަށާއި، މިއީ ލިބިގެންދިޔަ ފަޚުރެއް ކަމަށްވެސް ދީމާ ބުންޏެވެ.
ދީމާ ބުނީ އެންމެ ރަނގަޅު ކުޅުން އޮލިމްޕިކްސްގައިވެސް ދެއްކުމަށް އުއްމީދުކުރާ ކަމަށެވެ. އަދި ބަކީ އޮތް ދެ މަހަކީ ބުރަ ދެ މަސް ކަމަށާއި، މި ވަގުތު ހުރިހާ ވިސްނުމެއް ހުރީ އޮލިމްޕިކްސްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށްވެސް ވަނީ ބުނެފައެވެ. ދީމާ ބުނީ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އަޒުމު ކަނޑައަޅައިގެން ތިން މަސް ކުރިން މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ކޮރޭޝިއާގައި ތަމްރީނު ހެދުމަށްފަހު މާލޭގައި ހުރި ދުވަސްތަކުގައިވެސް ވީ ވަރަކުން ތަމްރީނުތަކުގައި ބައިވެރިވި ކަމަށްވެސް ވަނީ ބުނެފައެވެ.
"އެކަމަށް ފޯކަސް ކޮށްގެން މަސައްކަތް ފެށީ ކޮރޭޝިއާގައި ތިން މަސް ކުރިން. އޭގެ ކުރިންވެސް މާލެގައި ހުރިއިރު ދީމާ ދިޔައިން ޕްރެކްޓިސްއަށް. މާލެގައި ހުރިއިރު ކޮންމެ ޕްރެކްޓިކްސްއަކަށް ނުދެވޭ. އެކަމަކު ކޮރޭޝިއާގައި ހަމަ ކޮންމެ ޕްރެކްޓިސްއަކަށް ބަރާބަރަށް އެޓެންޑްވިން.ފާތިމަތު ދީމާ އަލީ - ޓޭބަލް ޓެނިސް ތަރި
ކޮރޭޝިއާގައި ކުރިއަށްދިޔަ ތަމްރީނު ޕްރޮގްރާމުގެ ކަންކަން ހިއްސާކުރަމުން ދީމާ ބުނީ އެ ތަމްރީންތަކުގައި ވަކި ޚާއްސަ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭނެ ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ފޯކަސް ކުރި ކަމަށެވެ. އަދި އޭގެ އިތުރުން ހަފުތާއެކު ތިން ފަހަރު ޖިމް ޖެއްސި ކަމަށާއި، ކޮރޭޝިއާގެ ތަމްރީންތަކުގައި ދީމާގެ ކޯޗުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން ކޯޗުގެ އެހީތެރިކަން ޓެކިނިކަލް ގޮތުންނާއި، މެޗުގައި ބޭނުންކުރާނެ ޓެކްޓިސްގެ ގޮތުން ލިބިގެންދިޔަކަން ދީމާ ވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ލިބުނު ކަމަށްވެސް ދީމާ ވަނީ ބުނެފައެވެ.