ޚަބަރު

96،000އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ ދިރާސީ އަހަރަށް ތައްޔާރު


  • ސަރުކާރުގެ ސްކޫލްތަކުގައި 83،000އަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެ

  • މާލެ ސަރަހައްދުން 2000އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް 1އަށް

  • ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން 96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފަށަން ތައްޔާރުވެފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށާނެއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ 96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކުކަމަށެވެ. އޭގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. އަދި ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ގެންދާނެއެވެ. އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

ޕްރައިވެޓް ނުވަތަ އަމިއްލަ ސްކޫލްތަކުގައި އެލް.ކ.ޭޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް 13,000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރެއިން 9,000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަނީ މާލޭ ސަރަޙައްދުގައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2,250 ދަރިވަރުން އަލަށް ވައްދާފައިވާކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑްތަކަށް 2,081 ދަރިވަރުން ވެއްދުމަށް ހުށައަޅާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1,126 ދަރިވަރުން ބަދަލުވެފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މާލޭ ސަރަޙައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1,000 އެއްހާ ދަރިވަރުން ބަދަލުވެފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންނެވެ. އެހެންކަމުން މިއަހަރު ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރައްވާނެއެވެ. އެއީ 10,729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުންނެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކިޔަވައިދިނުން ފެށުމަށްޓަކައި އެ ވުޒާރާއިން ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށެވެ.

ޝަފީޢު ވަނީ ތަޢުލީމީ ނިޒާމްގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

"ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި މުދައްރިސުން ލިބުމުގެ ދަތިކަން. މިއަހަރުވެސް ބަލާއިރު އަޅުގަނޑުމެންނަށް ކޮލްޖެތަކުން ލިބިފައިމިވަނީ 50 އަކަށް ދިވެހި މުދައްރިސުން. އެއީ މިފަދަ ސިސްޓަމެއް ދެމެހެއްޓުމަށް ބޭނުންވާ ޢަދަދަށްވުރެ މާ ބޮޑަށްވެސް މަދު ޢަދަދެއް." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝާފިޢު ވިދާޅުވިއެވެ.


މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މި އަހަރުވެސް ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެނެއެވެ.

ދަރިވަރުންނާއި މުދައްރިސުންނަށް އުނގެނުމާއި އުނގަންނައި ދިނުމަށް އެންމެ ފެންވަރު ރަނގަޅު ވެށްޓެއް ޤާއިމުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓެއް މި ދިރާސީ އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 އަހަރުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީކޮށް ނިމޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިއަހަރުގެ ތެރޭގައި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މުދައްރިސުން ސްކޫލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.