"ކަނޑު ރޯދި އުފާ" ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިންތިޒާމްކުރާ "ކަނޑު ރޯދި އުފާ" ފެސްޓިވަލަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެކެވެ.
ޖޫންމަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މުޅި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އެއް ހަރަކާތަކީ "ކަނޑު ރޯދި އުފާ" ނަމުގައި ބާއްވާ ފެސްޓިވަލެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ހަރަކާތަކީ އުފާވެރި މާހައުލަކުން ކުޑަކުދިން އަދި ޒުވާނުންނަށް މަޢުލޫމާތު ދިނުމާއެކު ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ކާނިވަލެއްފަދަ ހަރަކާތެކެވެ.
މި ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވަނީ ޖޫންމަހުގެ 8 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގެ ބީޗުގެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުން#WorldOceanDay2024@hdcmaldives pic.twitter.com/aL6aqKv0ET
— Ministry of Fisheries and Ocean Resources (@MFORmv) May 21, 2024
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މިފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މިގޮތުން މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް އަދި އަމިއްލަ ފަރުދުންނަށްވެސް މި ފެސްޓިވަލް ގައި ބައިވެރިވެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި 30 މެއިގެ 11:00 ގެ ކުރިން ފޯމް ފުރިހަމަ ހުށަހެޅުއްވުމަށްވެސް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
"ކަނޑު ރޯދި އުފާ" ފެސްޓިވަލުގެ އިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން "އެންމެން މޫދަށް" ގެ ނަމުގައި ރަށްރަށުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ޖޫން މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެއެވެ. އަދި މީސް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ކަނޑުފަޅާ ބެހޭ ޢާންމު މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތެއްވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ހިންގުމާއި މާލެ ސަރަޙައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށްވެސް ވަނީ ނިންމައިފައެވެ.