ޚަބަރު

ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ސަރވޭގެ އެއްބަސްވުމުގައި ސޮއިކޮށްފި


  • ވިލިމާލެ ހޮސްޕިޓަލަކީ ޗައިނާގެ ހިލޭ އެހީގައި ގެންދާ މަސައްކަތެއް

  • ސްޕެޝަލައިން އައު ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކުރާނެ

  • މި ތަން ވެގެންދާނީ ގުޅިފަޅުގެ މީހުން އާބާދުވާއިރު ފުރަތަމަ ބޭނުންކުރާނެ ހޮސްޕިޓަލަށް

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލާގުޅޭ ފީސިބިލިޓީ ސްޓަޑީއާއި ދިރާސާތައް ހެދުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގްއެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނީ، ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުންކަމަށެވެ.

އެގޮތުން ޕްރޮޖެކްޓްގެ ޓައިމްލައިނާ، ޑިޒައިން އަދި ދޭނެ ޚިދުމަތްތަކާ ޤާއިމުކުރާނެ ވަސީލަތްތަކާ ގުޅޭ ދިރާސާ ކުރާނެކަމަށެވެ. ވަޒީރު ވިދާޅުވީ މި ދިރާސާތައް ކުރުމަށް ޚާއްސަ ޓީމެއް ވަރަށް އަވަހަށް ޗައިނާއިން ރާއްޖެއަށް އަންނާނެކަމަށެވެ.

"އުއްމީދަކީ އަހަރު ނިމޭކޮޅު ނޫނީ އަންނަ އަހަރަކު ކުރީކޮޅު ޢަމަލީ މަސައްކަތް ފެށުން. މަސައްކަތް ފަށާ 2 އަހަރުން ޕްރޮޖެކްޓް ނިންމޭނެ." އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ މި ހޮސްޕިޓަލުގައި ރާއްޖެއަށް މުޅިން އައު ޚިދުމަތްތަކެއް ތަޢާރަފުކުރާނެކަމަށެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރާނެކަމަށެވެ. އެފަދަ މީހުން ބަލިން މުޅިން ފަސޭހަވަންދެން، ހުރިހާ މަރުހަލާއެއްގެ ޚިދުމަތް ހޮސްޕިޓަލުން ދޭނެކަމަށެވެ. އަދި ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށްދޭ ޚާއްސަ ފަރުވާއާއި ފީނައިގެން ޑީކޯވާ މީހުންނަށް ދޭ ފަރުވާއާއި އަދި އިތުރު ބޮޑެތި ސްޕެޝަލައިޒް ފައުވާތައް ދޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ވިލިމާލޭގައި ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިންމީ ވިލާމާލޭގެ އިތުރުވަމުންދާ އާބާދީއާއި އަދި ގުޅިފަޅުގައި އާބާދުވާ ރައްޔިތުންނާ ކައިރިން ލުއިފަސޭހަ ޚިދުމަތްތެއް ދިނުމަށް ބަލާފައިކަމަށެވެ.

"ވިލިމާލެ ވެގެންދަނީ މިފަދަ ހޮސްޕިޓަލެއް ހަދަން ތިމާވެށީގެ ގޮތުން ބަލާއިރުވެސް އެންމެ ރަނގަޅު މާޙައުލަށް. ފުލް އެންވާރަމަންޓަލް ފްރެންޑްލީ ހޮސްޕިޓަލެއް މިއީ. ހޮސްޕިޓަލް ޑިޒައިނާ އާލާތްތައްވެސް ތަފާތު ވާނެ." ސިއްޙީ ވަޒީރު ޑރ. ޚަލީލު ވިދާޅުވިއެވެ.

ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ 5 އެނދެއެވެ. އަދި ހޮސްޕިޓަލުގައި ހުރީ ބަލި މީހުން ބަލާ 3 ކޮޓަރިއެވެ. ބައެއް އާއްމު ޙާލަތްތަކުގައި މިހާރުވެސް ފަރުވާއށް އަންނަޖެހެނީ މާލެއެވެ.

ވިލިމާލެއަކީ 15000 އެއްހާ މީހުންގެ އާބާދީއެއް އޮތް އަވަށެކެވެ.