ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަޚުސިއްޔަތެއް ހޮވުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީން ބުނެފިއެވެ.
ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް އެފްއޭއެމްއިން އެކުލަވާލާފައިވާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކޮމިޓީގެ ޗެއާމަން އަލީ ސުޒެއިން ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރޭ މުނާސަބާއާއި ގުޅުވައިގެން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުސިއްޔަތެއް ހޮވުމަށް ނިންމާފައިވާކަމަށެވެ.
ކޮންމެ ރަށަކުންވެސް ފުޓުބޯޅަ ޝަޚުސިއްޔަތު ހޮވުމަށް އެރަށެއްގެ ކައުންސިލާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯއްދަވާނެކަމަށް ސުޒެއިން ފާހަގަކުރެއްވިއެވެ. މިކަން ކުރުމަށް އެފްއޭއެމްއިން ޚާއްސަ ކްރައިޓީރިއާއެއް ހަދާނެކަމަށާ، އެފްއޭއެމްގެ ފަރާތުން މިކަމަށް ދޭންވާ އެންމެހާ އެއްބާރުލުމެއް ދެއްވާނެކަމަށް ސުޒެއިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ފުޓުބޯޅަ ޝަޚުޞިއްޔަތު ހޯދާނަން އިރާދަކުރެއްވިއްޔާ. އެކަން ކުރާނީ އެރަށެއްގެ ކައުންސިލާއި އެރަށެއްގައި ހުރި ހުރިހާ ޖަމިއްޔާއެއްވެގެން ކުރާނީ. އަޅުގަނޑުމެން ދެން އޭގަ ދޭންވާ ހުރިހާ ސަޕޯޓެއް ދޭނަން. މިކޮޅުން އަޅުގަނޑުމެން ކްރައިޓީރިއާއެއް ހަދާނަން. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މި ހަތްދިހަ ފަސް އަހަރުގެ ފުޓުބޯޅައިގެ ޝަޚުޞިއްޔަތު އަޅުގަނޑުމެން ހޮވާނަން" ސުޒެއިން ވިދާޅުވިއެވެ.
ސުޒެއިން ވިދާޅުވީ މިމަސައްކަތުގައި ހުރިހާ ރަށެއް ޝާމިލުވެ އެއްވާރުލުންދެއްވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. ފާއިތުވެ ދިޔަ 75 އަހަރުތެރޭގައި ކޮންމެ ރަށަކުންވެސް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެއް ހުންނާނެކަމަށާ މިކަމަކީ ބައެއް ރަށްރަށުގައި ވާދަވެރިކަން ބޮޑުވާނެކަމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. މިގޮތުން ވާދަވެރިކަމަކަށް ނުގޮސްވެސް ބައެއް ރަށްރަށުން މިފަދަ ޝަޚުޞިއްޔަތުން ހޮވާލެވިދާނެކަމަށް ސުޒެއިން ވިދާޅުވިއެވެ.
"މިސާލަކަށް ކުޅުންތެރިޔާގެ ކޮމިޓްމަންޓާ އޭނަގެ ފަރާތުން ރަށަށް އެލިބުނު ރީތި ނަމާ އެހުރިހާ އެއްޗަކަށްވުރެ ބޮޑު އެއްޗެއް ގެނެސްދީފަ އޮވެދާނެ މިސާލަކަށް ރެފްރީއެއްވެސް ހުރެދާނެ. ކޮމަންޓޭޓަރެއްވެސް ހުރެދާނެ. ނޫސްވެރިއެއްވެސް ހުރެދާނެ. ފުޓުބޯޅައިން އޭނަ އެރަށަށް ގެނެސްދިން ރީތިނަމަށް ބަލާފަ އެރަށަކުން ނިންމާނީ. އަޅުގަނޑުމެން ހަމައެކަނި އޭތި އަޅުގަނޑުމެންގެ ކްރައިޓީރިއާއަށް ފެތޭތޯ ބަލާނީ" ސުޒެއިން ވިދާޅުވިއެވެ.