ޚަބަރު

މާލޭގަައި ފެންބޮޑުވުން ހައްލުކުރުމުގެ މަޝްރޫޢުގެ ފަހު ސެގްމެންޓްގެ މަސައްކަތް ފަށަން ތައްޔާރު ވަނީ


  • ކޮންކްރީޓްގެ މަސައްކަތްތަކާއި، ޝަޓަރިން އަދި ކަލްވާޓް ފްރޭމްގެ މަސައްކަތް ނިމިފައި

  • މަގުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ އެކު ކުރަމުންދަނީ

  • ޑިވޯޓަރިން ސައިޓްތައް އެޅުމަށް އެކަށޭނެ ސަރަޙައްދުތަކުގެ ކުރެހުންތައް ނިންމައި

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަޝްރޫޢުގެ އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވުޒާރާއިން ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް، އެ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އާރްޑީސީ ގުޅިގެން ފަށާފައިވާ މަޝްރޫޢުގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބު ހިއްސާކުރައްވާފައެވެ.

އެ ވުޒާރާއިން ވިދާޅުވީ ވެސްޓް ޕާކްގެ ކަންމައްޗާއި ހަމައަށް ކޮންކްރީޓްގެ މަސައްކަތްތަކާއި، ޝަޓަރިން އަދި ކަލްވާޓް ފްރޭމްގެ މަސައްކަތް ނިމިފައި ކަމަށެވެ. އަދި ދެން މަސައްކަތް ކުރުމަށް ޖެހިފައިވާ މަގުތައް ބަންދުކުރުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް، އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަގުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއެކު ކުރަމުންދާ ކަމަށާއި، އިތުރު އެހެން ޑިވޯޓަރިން ސައިޓްތައް އެޅުމަށް އެކަށޭނެ ސަރަޙައްދުތަކުގެ ކުރެހުންތައް ނިންމާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިއާއެކު ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކަށް ގެއްލުންވެއެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިއްކަން ފޯރުކޮށްދިނުމާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތައް ކުރިމަތިވެއެވެ.

ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށުމަށް ވަނީ ނިންމަވާފައެވެ.