ޚަބަރު

"އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ރާއްޖޭގެ ސަޤާފަތް ދުނިޔެއަށް ދައްކާލަން ލިބޭ ފުރުޞަތެއް"


  • މި ކޮންގްރެސް އޮންނާނީ ޖުލައި 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައި

  • މިއީ ރާއްޖެ އިޝްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށް އެމްއޭސީއެލްއިން ދެކޭ

  • 300 އެއްހައި މަންދޫބުން ބައިވެރިވާނެކަމަށް އެމްއޭސީއެލްއިން ލަފާ ކުރޭ

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ރާއްޖޭގެ ސަޤާފަތް ދުނިޔެއަށް ދައްކާލުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއްކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަންނަ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި އިވެންޓުގެ ޕާޓްނަރުންނާއެކު އެމްއޭސީއެލްއިން ވަނީ ސޮއިކޮށްފައެވެ.

އެގޮތުން 7 ގިންތިއަކުން ކޮންގްރެސް ބޭއްވުމުގެ އެކިކަންކަމުގައި އެހީތެރިވުމަށް ޕާޓްނަރުންނާއެކު އެމްއޭސީއެލްއިން ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން މި އިވެންޓް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި ބެހޭ ވުޒާރާއިން އެންޑޯސްކޮށްފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ދާއިރާގެ އެންމެ ބޮޑު ދެ ޖަމީއްޔާ ކަމައްވާ މަޓީ އަދި މަޓާޓޯއިންވެސް ވަނީ މި ހަރަކާތް އެންޑޯސްކޮށްފައެވެ.

އަންނަ ޖުލައި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިފަދަ ހަރަކާތެއް ރާއްޖޭގައި ކުރިއަށްދާއިރު އޭގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިފަން ޖެހޭ ކަމަށެވެ.

"މި ކޮންގްރެސްގެ ތެރެއިން ރަނގަޅު ވިޔަފާރީގެ ފުރުޞަތުތައް ފަހިވެ ގުޅުންތައް ބަދަހިކުރުމަށް ފުރުޞަތުތައް ލިބިގެންދާނެ. އަޅުގަނޑު ގޮވާލަން ހުރިހާ ކަމާގުޅުންހުރި ފަރާތްތަކަށްވެސް މި ފުރުޞަތުގެ ބޭނުން ހިފައި، ރަނގަޅު ގުޅުންތަކެއް ޤާއިމްކޮށް ކާމިޔާބު ކުރިމަގަކަށް ތައްޔާރުވުމަށް." އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއަރޕާސަން އައިޝާ ނޫރްޢައިން ޖަނާޙް ވިދާޅުވީ، މިފަދަ ހަރަކާތަކާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ދަތުރު ކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވެ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ނޫރްޢައިން ވިދާޅުވިއެވެ.

"މިއީ ދުނިޔޭގެ ކަންކޮޅުތަކަށް ރާއްޖޭގެ މަޤްބޫލު ސަޤާފަތާއި ޤުދުރަތީ ރީތިކަން ދައްކާލުމަށް ލިބޭ ހާއްސާ ފުރުޞަތެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަޖުރިބާތައް އައު ގުޅުންތަކާއެކު ފުޅާވެގެންދާ ނެޓްވޯކަށް ފަހިކޮށްދީ، އަޅުގަނޑުމެންގެ ރަށްރަށަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވެ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިއުން." ނޫރްޢައިން ވިދާޅުވިއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މިކޮންގްރެސްއަކީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަަމަށް ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރަމުންދާ އެމްއޭސީއެލްއިން ބުނެއެވެ.

އެގޮތުން ބައިވެރިވާ މަންދޫބުންގެ ތެރޭގައި އެއަރޕޯޓާއި ރޫޓު ޑިވެލޮޕްމެންޓް އެގްޒެކެޓިވުންނާއި، އެއަރލައިން އެގްޒެކެޓިވުންނާއި، އެއަރލައިން ނެޓްވޯކިންގް ޕްލޭނަރުންނާއި، އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ފަތުރުވެރިކަމާއި ގުޅުންހުރި ފަރާތްތައް ހިމެނޭ ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.