ޚަބަރު

މޫސުމީ ވިއްސާރައިގައި އައްޑޫގެ އަވަށްތަކަށް ދަނީ ގެއްލުން ލިބެމުން: ކައުންސިލް


  • ފުރާޅު އެއްލާލައިގެން މަރަދޫ-ފޭދޫ ގެއަކުން ރިޕޯޓްކޮށްފައިވޭ

  • މޭޔަރ ވިދާޅުވީ އަވަށްތަކުން ވިއްސާރައިގެ ގެއްލުންތައް ރިޕޯޓް ކުރަމުންދާ ކަމަށް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވުމުގެ ސަބަބުން އައްޑޫ ސިޓީގެ އަވަށްތަކަށް ގެއްލުން ލިބެމުންދާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އެގޮތުން ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މަރަދޫ-ފޭދޫގައި މިއަދު 11:59 ހާއިރު އެ ރަށު "ޓިއުލިޕްމާ" ގޭގެ ފުރާޅު ވަނީ އެއްލާލާފައެވެ. ފުރާޅު އެއްލާލުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އައްޑޫ ސިޓީގެ އަވަށްތަކުގެ އާއްމުންގެ ގެދޮރާއި މުދަލަށް އެކިވަރުގެ ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވިއެވެ. ކައުންސިލްގެ މުނިސިޕަލް ސާރވިސް، ޕަބްލިކްވޯރކްސް އަދި އެމް.އެން.ޑީ.އެފް އާއި ފުލުހުން ގުޅިގެން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮއްދެމުންދާ ކަމަށް މޭޔަރ ވިދާޅުވެއެވެ.

އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ގަސްތަކާއި ރުށްތައް ވެއްޓެމުންދާއިރު، މަގުމަތީ ޖަހާފައި ހުރި ބައްތިތައްވެސް ގަދަވަޔާއެކު ވެއްޓިފައިވާކަމަށް އައްޑޫގެ އަވަށު އޮފީސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.