ޚަބަރު

ސަރުކާރަށް 6 މަސް: ބަނގުރޫޓްވުމުގެ ބިރު ނިމުމަކަށް ގެނެސް، އިޤްތިޞާދު އަލުން ކޮޅަށް


  • އާމްދަނީ އިތުރުކޮށް، ބޭކާރު ހަރަދުތައް ވަނީ ކުޑަކޮށްފައި

  • ދަރަނި ދައްކަމުން ފަހަށް ފައިސާ ރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް

  • އިޤްތިޞާދީ ދުވެލި ބާރުވާނެކަމަށް މާލީ އިދާރާތަކުން ލަފާކުރޭ

މީގެ 6 މަސް ދުވަސްކުރިން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ސިފަކުރަމުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެފައިވަނީ ރާއްޖެ އޮތީ ބަނގުރޫޓް ވުމުގެ މަގުމަތީގައިކަމަށެވެ. ދަރަނި ބޮޑުވެ، ޚަރަދުތައް އިތުރުވެ، އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް އޭރު ހޯދިފައި ނެތުމުން އިޤްތިޞާދީ ބޮޑު ހީނަރުކަމަކާއި ދިމާލަށް ޤައުމު ދަތުރުކުރަމުންދާކަމަށް އޭރު ނެރުނު ބައެއް ރިޕޯޓްތަކުގައި އޮތީ ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ސަރުކާރު 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހު ނިމުމަކަށް އައިއިރު ޤައުމު ދުވަހަކުވެސް ނުދަރާ ވަރަށް އޮތީ ދަރާފައެވެ. 124 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްއިރު ތަރައްޤީގެ މަޝްރޫއުތައް އޮތީ ހުއްޓިފައެވެ. އެކި މަޝްރޫއުތައް ހިންގި ކުންފުނިތަކަށް ނުދީ އެތައް ބިލިއަން ރުފިޔާއެއް އޮތްކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތަކެވެ. ހައްދެއް ނެތި ފައިސާ ޗާޕު ކުރަމުންދިއުމުގެ ސަބަބުން، ބޭރު ފައިސާގެ އަގު އިންތިހާއަށް އޮތީ އުފުލިފައެވެ.

ރާއްޖެއިން ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ރާއްޖޭ ވުމުން ޑޮލަރުގެ އަގު އުފުލުމުން ބާޒާރުގައި ތަކެތީގެ އަގުވެސް އޮތީ އިންތިހާއަށް އުފުލިފައެވެ. ހައެއްކަ މަސްދުވަހަށް ބޭނުންވާ ވަރަށް އަސާސީ ތަކެތި ގަނެވޭވަރުގެ ފުދުންތެރިކަމެއް ދައުލަތުގެ ރިޒާވްގައި ހުންނަންޖެހޭއިރު އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔަތުގައި ހުރީ ގާތްގަނޑަކަށް މަސް ދުވަހަކަށް ބޭނުންވާ ވަރަށް ތަކެތި ގަނެވޭވަރުގެ ފައިސާކޮޅެކެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަން ނިމުނުއިރު ސޮވެރިން ފަންޑުގައި 800 މިލިއަނެއްހާ ޑޮލަރު ހުރިއިރު، އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއް ވަނީ މަދުކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތީ މި ހަގީގަތްތައް ރަނގަޅަށް ދެނެވަޑައި ހުންނަވައިގެންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އިޤްތިޞާދީ ގޮތުން މާލީ ގޮތުން ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ނަގާ، އުޖާލާ ދުވަސްތަކެއް ރައްޔިތުންނަށް ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވީ 6 މަސް ދުވަސް ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ގަބޫލުކުރެއެވެ.

ޚަރަދުތައް ކުޑަކުރަމުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދިޔައީ ނިމިދިޔަ ސަރުކާރުން ވާރުތަވެފައި އޮތް ބޮޑު ދަރަނިވެސް އަދާކުރަމުންނެވެ.

ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލުތަކާއި މުވައްޒަފުންނަށް މުސާރަ ދިނުމަށް 8 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޗާޕުކޮށްފައިވާއިރު، މި ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސަމުން ދަނީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށްކަން އެއީ މާލީ އިދާރާތަކުން ތައުރީފާއެކު ފާހަގަކުރާ ކަންކަމެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލުމާއެކު އަތްނުފޯރާ ފަށުގައި އުޅޭ ބޭރު ފައިސާގެ އަގުވެސް ވަނީ އަތްފޯރާ ފަށަށް ތިރިވެފައިކަން މިއަދު އާއްމުން ޤަބޫލުކުރެއެވެ.

އިޤްތިޞާދީގޮތުންނާއި މާލީ ގޮތުން ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކަށް ބަލާލާއިރު، މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް 11.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 12.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިހާތަނާއި އަޅާބަލާއިރު އިތުރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ޚަރަދުތައް ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު މިހާތަނަށް އައިއިރު ދައުލަތުން 16.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް އުޅެނީ 14.3 ބިލިއަން ރުފިޔާގައެވެ.

ސަރުކާރުން ތަަރައްޤީގެ މަސައްކަތްތަކަށް ހޭދަނުުކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރިނަމަވެސް މިއަހަރުގެ މިހާތަނަށް 1.7 ބިލިއަން ރުފިޔާ ތަރައްޤީގެ އެކި މަސައްކަތްތަކަށް ވަނީ ޚަރަދުކޮށްފައެވެ.

ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު ހުސްކޮށްލާފައި އޮތް ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ނުވަތަ 462 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އަދި ސަރުކާރުގެ އަމާޒަކީ އަހަރު ނިމެންވާއިރަށް މި ފަންޑަށް 120 މިލިއަން ޑޮލަރު ނުވަތަ 1.8 ބިލިއަން ރުފިޔާ ޖަމާކުރުންކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ އާމްދަނީ ހޯދުމާއި ފަހަށް ރައްކާކުރުމަށް ބޮޑެތި މަސައްކަތްތަކެއްކޮށް، ކާމިޔާބީތަކެއް ސަރުކާރުން ހޯދީ ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް ދަރަނީގެ ތެރެއިން 969 މިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އަނބުރާ ދެއްކުމަށްފަހުއެވެ.

މިވީ 6 މަސް ދުވަހުގެ ތެރޭގައި ރައީސް މުޢިއްޒުގެ ސަރުކާރުން މާލީ ގޮތުންނާއި އިޤްތިޞާދީގޮތުން ހޯދަމުންދަނީ ކާމިޔާބީތަކެއް ސާބިތުކޮށްދެނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައެވެ. އައިއެމްއެފްއާއި ވޯލްޑް ބެންކުން ބުނަނީ އިޤްތިޞާދީ ހަމައަކަށް އެޅުމަށް ރާއްޖެއިން ކުރަމުންދަނީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށެވެ.

ފައިސާ ޗާޕު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ނިންމަވަންޖެހޭ އުނދަގޫ ނިންމެވުމަކަށް ވިޔަސް، އެކަމުން ކުރިއަށް އޮތްތަނުގައި ލިބޭނެ މަންފާއާއި ކުރިއެރުންތައް މާ ބޮޑުކަން އިޤްތިޞާދީ މާހިރުންވެސް ޤަބޫލުކުރައްވައެވެ. މީގެ ހައެއްކަ މަސްކުރިން ރާއްޖެ ބަނގުރޫޓްވެގެންދާނެކަމަށް ބުނެ ވާހަކަތަކެއް ދެއްކިނަމަވެސް ސަރުކާރުން މިއަދު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަަވަޅުތަކާއެކު މާލީގޮތުން ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ އިޤްތިޞާދީ ދުވެލިވެސް ހަލުއިވެގެންދާނެކަމަށް މާލީ އިދާރާތަކުން މިހާރު ދަނީ ބުނަމުންނެވެ.

ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެއޮތް އިޤްތިޞާދީ ނުރައްކާތެރި ޙާލަތު މިހާރު ބަދަލުވާން ފަށާފައިވާއިރު، މިކަމުގައި އެންމެ ބޮޑު ބާރަކަށްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައްކަމަށް އިޤްތިޞާދީ މާހިރުންވެސް ޤަބޫލުކުރައްވައެވެ.