ޚަބަރު

ވައިގަދަވެ ހުޅުމާލޭގައި ގަސްތަކާއި ފެންސުތައް ވެއްޓޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖެއަށް މޫސުން ގޯސް

  • ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި ބައެއް އިމާރާތްތަކުގައި ހުރި ފެންސުތައް ވެއްޓޭތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގައި ޖަހާފައިވާ ފެންސުތަކެއް ވަޔާއެކު ވެއްޓޭތީ އެތަނުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން ދަތުރުކުރާއިރު ރައްކާތެރިވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ފުލުހުން ކުރެއްވި ޕޯސްޓެއްގައި ވަނީ ވައިބާރުވުމުގެ ސަބަބުން މީހުން ދިރިއުޅޭ އުސް އިމާރާތްތަކުން ވެސް ވަޔާދާ ގޮތަށް ހުންނަ ތަކެތި ނުދާނެހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި، ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެއެވެ. އެގޮތުން ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރައްވައެވެ.