ޚަބަރު

ކޮމަންވެލްތު ޤައުމުތަކުގެ ތަޢުލީމީ ވަޒީރުންގެ ކޮންފަރެންސްގައި ވަޒީރު ޑރ. ޝަފީޢު ބައިވެރިވެވަޑައިގެންފި


  • ކޮންފަރެންސް ބާއްވާފައިވަނީ ލަންޑަންގައި މިމަހުގެ 16 އިން 17 އަށް

  • މިފަހަރުގެ ބައްދަލުވުން ހޯސްޓްކޮށް ޗެއަރކޮށްފައިވަނީ ކެންޔާއިން

  • މިއީ މިފަދަ 22 ވަނަ ކޮންފަރެންސް

ކޮމަންވެލްތު ޤައުމުތަކުގެ ތަޢުލީމީ ވަޒީރުންގެ 22 ވަނަ ކޮންފަރެންސްގައި ރާއްޖޭގެ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 16 އިން 17 އަށް އިނގިރޭސިވިލާތުގެ ލަންޑަންގެ މާލްބަރޯ ހައުސްގައެވެ.

މިއީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި ތަޢުލީމީ ދާއިރާއިން ގުޅުންހުރި ސިޔާސަތުތައް ބައްޓަންކޮށް ގުޅިގެން މަސައްކަތްކުރުމަށް ކޮންމެ 3 އަހަރަކުން ބާއްވަމުން އަންނަ ބަދަލުވުމެކެވެ.

އެގޮތުން މިއަހަރުގެ ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޑްރައިވިން ރެޒިލިއަންސް، އިކުއިޓީ އެންޑް ސްކިލްސް ފޯ އަ އިންކްލޫސިވް ފިއުޗާރ" އެވެ.

މި ޝިޢާރުން ބާރުއަޅާ ކަންކަމުގެ ތެރޭގައި ތަޢުލީމަކީ ޢިލްމާއި، ހަރުދަނާކަމާއި، އިންސާފުވެރިކަމާއި، ތަފާތު ހުނަރުތަކުގެ ސަބަބުން ފަރުދުން ބާރުވެރިކުރުވައި، އެންމެން ބައިވެރިވާ އަދި ކުރިއަރަމުން އަންނަ މުސްތަޤްބަލެއް ބައްޓަންކުރުމަށް މަގުފަހިކޮށްދޭންޖެހޭ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި ތަޢުލީމު ޙާޞިލުކުރުމުގައި ހުރި ފަރަގުތައް ނައްތާލުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާމެދު ތަޢުލީމީ ވަޒީރުންނާއި، ޤައުމުތަކުގެ އިސް އޮފިޝަލުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާތައްކޮށްފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މައިގަނޑު 3 ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ތަޢުލީމީ ދާއިރާގެ ތެރެއިން ތިމާވެއްޓާ ރައްޓެހި އަދި ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރެވޭނެގޮތްތައް ހިމެނެއެވެ.

މީގެ އިތުރުން ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް ހުރިހާ އެންމެން ޝާމިލުވާނެހެން އީޖާދީ ވަޞީލަތްތައް ބޭނުންކޮށްގެން ޑިޖިޓަލް ލިޓަރަސީއަށް މަސައްކަތްކުރެވޭނެ ގޮތްތަކާއި، ތަޢުލީމުގެ ހުރިހާ ދަރަޖަތަކަށާއި ބާވަތްތަކަށް ހަމަހަމަކަމާއެކު ވާޞިލުވެ، ތަޢުލީމީ ފެންވަރާއި، ޚާއްޞަކޮށް އަންހެން ކުދިންނާއި، އަންހެނުންނަށާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލުމާގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައެވެ.