ޚަބަރު

ދާއިމީ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކަށް ހާއްސަ ކޭމްޕެއް ރ. މަޑުއްވަރީގައި ކުރިއަށް ގެންގޮސްފި


  • މި ކޭމްޕުގެ ބޭނުމަކީ ދާއިމީ ބަލިތައް އޮތް މިންވަރު ދެނެގަނެ ހޭލުންތެރިކަން އިތުރުކުރުން

  • މިފަދަ އިތުރު ކޭމްޕްތައް ބޭއްވުމަކީ އަމާޒެއްކަމަށް ކޭމްޕު އިންތިޒާމްކުރި ފަރާތުން ބުނޭ

ދާއިމީ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ރ. މަޑުއްވަރީގައި މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މި މެޑިކަލް ކޭމްޕަކީ މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީއާއި ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރ ގުޅިގެން ކުރިއަތް ގެންދިޔަ 4 ދުވަހުގެ ކޭމްޕެކެވެ.

މި ކޭމްޕްގައި ބަލިމީހުން ބަލާ މައުލޫމާތު ދީފައި ވަނީ މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީ އެންޑޯކްރިނޮލޮޖިސް ޑރ. މުޙައްމަދު ވިޝާމާއި، ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް އަދި މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީގެ އެންޑޯކްރިނޮލޮޖިސް ޑރ. މާރިޔާ ރުސަލެންކޯއެވެ.

މި ކޭމްޕާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑރ. މުޙައްމަދު ވިޝާމް ވިދާޅުވީ، މި ކޭމްޕަކީ ރާއްޖޭގެ އެކި ރަށްރަށުގައި އެންޑޮކްރޮނޮލޮޖީއާއި ބޭހޭ ބަލިތައް އޮތް މިންވަރު ދެނެގަތުމަށްޓަކާ ކުރިއަށްގެންދާ މެޑިކަލް ކޭމްޕްތަކުގެ ތެރެއިން ފުރަތަމަ ކޭމްޕް ކަމަށެވެ. މި ކޭމްޕްގައި ބަލާފައިވާނީ ހަކުރުބައްޔާއި، ތައިރޮއިޑް ބަލިތަކާއި އޮބޭސިޓީ އަދި ޕީސީއޯއެސް، މީގެ އިތުރުން އިންފާރޓިލިޓީއާ ގުޅުންހުރި ބަލިތައް ކަމަށް ވިޝާމް ވިދާޅުވިއެވެ.

ޑރ. ވިޝާމް ވިދާޅުވީ، މިފަދަ ކޭމްޕެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ރައްޔިތުން މިފަދަ ބަލިތަކަށް ހޭލުންތެރިކޮށް މި ބަލިތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުންކަމަށެވެ. ދާއިމީ ގޮތެއްގައި ބޭސް ކާންޖެހޭ މިފަދަ ބަލިތަކަކީ އޭގެ އެންމެ ރަނގަޅު މައުލޫމާތު ލިބިފައި ހުރުން މުހިންމު ބަލިތަކެއްކަން ޑރ. ވިޝާމް ފާހަގަކުރެއްވިއެވެ.

މިފަދަ ބަލިތަކަށް ފަރުވާ ކުޑަނުކޮށް އެ ބެނުންވާ ފަރުވާ ގަވައިދުން ހޯދަމުން ދިޔުމަށް ޑރ. ވިޝާމް ވަނީ އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑު އެދެނީ ކޮންމެ މީހެއްވެސް އެ ބައްޔެއް ހުރެއްޖެނަމަ އެ ބައްޔާ ގުޅޭ ގޮތުން ދިރާސާކޮށް އެ ބައްޔެއްގެ ޓްރީޓްމަންޓް ޕްލޭންގައި އަމަލީ ގޮތުން އުޅުން. އެކަމާއި ވަރަށް ގަޔާވެގެން އުޅުން. ވަރަށް ސިމްޕަލް ބަލިތަކެއް ގޮތުގައި ނުދެކުން. މިފަދަ މެޓަރ ބޮލިކް ބަލިތަކަކީ ދުރުރާސްތާގައި ގެއްލުންތަކެއް އިންސާނާގެ ހަށިގަނޑަށް ދޭނެ ބަލިތަކެއް" ޑރ. ވިޝާމް ވިދާޅުވިއެވެ.

ޑރ. މުޙައްމަދު ވިޝާމް ވިދާޅުވީ، ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކޭމްޕްތައް ކުރިއަށްގެންދިއުމަކީ އަމާޒެއްކަމަށެވެ.

ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ޑރ. މާރިޔާ ރުސަލެންކޯ ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނަކަމަށެވެ. އޭގެ ތެރެއިން ހާއްސަކޮށް އަންހެނުން ގިނަކަން މާރިޔާ ފާހަގަކުރެއްވިއެވެ. މާރިޔާ ވިދާޅުވީ އަންހެނުންގެ އެންމެ ބޮޑަށް ފާހަގަކުރެވެނީ ޕީސީއޯއެސްއާއި ދަރިމައިވުމުގެ މައްސަލަތައް ކަމަށެވެ.

"އަޅުގަނޑުމެން މި ކުރިއަށް ގެންދިޔަ ކޭމްޕްއިންވެސް ވަރަށް ބައިވަރު އެއްޗެހި އެނގިގެން ގޮސްފި. މީހުންގެ ލައިފް ސްޓައިލް ހުންނަގޮތާއި ދެން ރާއްޖެއަކީވެސް އާބާދީ ބޮޑު ޤައުމަކަށްވާއިރު ވަރަށް ގިނަ ފާރާތްތައް އެއް ބައްޔަކަށް އެބަ ފަރުވާކުރޭ." ޑރ. މާރިޔާ ރުސަލެންކޯ ވިދާޅުވިއެވެ.

މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީއަކީ ހަކުރުބަލި، ފަލަވުން، އެންޑޮކްރައިން އަދި މެޓަބޮލިކް ޑިސްއޯޑަރސްކަމަށްވާ، ލޭގެ ޕްރެޝަރ އަދި ކޮލެސްޓްރޯލް ފަދަ ބަލިތައް، އަދި ސިކުނޑިއާއި ނާރުގެ ބަލިތައް، ބޮލުގައި ރިއްސުން، ނިދި ނުލިބުން، ދަރިމައިވުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްޞަ މެޑިކަލް ފެސިލިޓީއެކެވެ.