ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މުވާސަލާތީ ދާއިރާގެ ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުމެއްބާއްވައިފި އެވެ.
އެ ބައްދަލުވުމުގައި، ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކުގެ އިސްބޭފުޅުންނާއި، ތަޢުލީމީދާއިރާ އާއި ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ބޭފުޅުންގެ އިތުރުން ކަމާ ބެހޭ އިދާރާތަކުން ޖުމްލަ، 30 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމަޝަވަރާ ބައްދަލުވުގައި ބައިބެވެރިން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތޭގައި، ރާއްޖޭގެ ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ހިމަނަން ބޭނުންވާ ކަންތައްތަކާއި މެދު ޚިޔާލު ބަދަލުކުރުމާއި ކޮމިއުނިކޭޝަންގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިންގެ ހިޔާލު ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ކޮމިއުނިކޭޝަންގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާއަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި، ތަޢުލީމީ ނިޒާމުގައި ކޮމިއުނިކޭޝަން ހިމަނާނެ ގޮތާއި އެ ދާއިރާގައި ހިންގަން ފެންނަ މަޝަރޫޢުތަކާއި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން ފަދަ ކަންކަމާއި މެދު ވަނީ މަޝްވާރާކުރެވުނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، އެ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި މުވާސަލާތާއި ގުޅުން ހުރި ސިޔާސަތުތައް ކަނޑައެޅުމަށްޓަކާ ދާއިރާގެ ފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއްކަމަށާއި، މި ބޭއްވުނު ފަރާތްތަކުން މުހިންމު މައުލޫމާތުތަކެއް އެއްކުރެވުނުކަމަށާއި ވުޒާރާގެ ސިޔާސަތު ކަނޑައެޅުމުގައި އެ މައުލޫމާތުގެ ބޭނުންހިއްޕަވާނެކަމަށެވެ.
"މީގެ މައްޗަށް ބިނާކޮށްފަ އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން ދެން ކުރާ މަސައްކަތްތައް މިއަށް ވުރެ ފުޅާދާއިރާއެއްގަ ފޯކަސް ގުރޫޕް ޑިސްކަޝަންތަކާއި، އަދި އާންމުފަރާތްތައް ވެސް ހިމަނައިގެން ރަނގަޅު ޑޮކިއުމެންޓް ތައްޔާރުކޮށްގެން ކުރިއަށްދާނަން" ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެއްދެވި ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ މުވާސަލާތީ ކަންތައްތަކުގެ ސިޔާސަތު ކަނޑައެޅުން ހިމެނެއެވެ. މި މަޝްވަރާ ބައްދަލުވުމަކީ އެގޮތުން އެ ވުޒާރާއިން ކުރަން ހުރި މަސައްކަތްތަކަށް ހިޔާލު ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.