އދ.ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ދިވެހިރާއްޖެއިން އދ.ގެ ސަލާމަތީ މަޖިލީހަށް އަނެއްކާވެސް ގޮވާލައިފިއެވެ.
ދިވެހިރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އދ.ގެ އާންމު މަޖިލީހުން މިދިޔަ ހުކުރު ދުވަހު "އެޑްމިޝަން އޮފް ނިއު މެންބަރ ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ފާސްކޮށްފައިވާ ޤަރާރާށް ނިސްބަތްކޮށް، އ.ދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ އާންމު މަޖިލީހުން ފާސްކުރި ޤަރާރަށް މެންބަރު ޤައުމުތަކުން ލިބުނު ތާޢީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުމަށް އަވަސް ފިޔަވަޅުއެޅުމަށާއި، އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކަށް އެޤައުމު ޖަވާބުދާރީކުރުމަށް އ.ދ. ގެ މެމްބަރު ޤައުމުތަކަށް ގޮވާލާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށްވެސް ދިވެހިރާއްޖޭގެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.
އ.ދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުން މިދިޔަ ހުކުރުދުވަހު އަލުން ހުޅުވާލާފައިވަނީ އަރަބް ގްރޫޕް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި ނޮން-އެލައިންޑް މޫވްމަންޓް އިން އެދިގެންނެވެ. ރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ގަރާރަށް ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް 143 ޤައުމަކުން ވަނީ ރުހުން ދީފައެވެ. މި މައްސަލައިގައި އދ. ގެ 9 މެންބަރު ޤައުމަކުން ވަނީ ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދީފައެވެ. އަދި 25 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.