ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި މިމަހުގެ ނިޔަލަށް ނަގަން އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ ހުޅުމާލެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި ނަގަން އަންގާފައިވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކަމަށެވެ. އަދި ދީފައިވާ މުއްދަތުގައި އެ ތަކެތި ނުނަގާނަމަ ،އެ ތަކެތި ނަގައި، ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުވާނެކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުމަށެވެ. ނަމަވެސް އެ ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، މިހާރު ބޭނުންކުރަމުންދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށްވެސް ގިނަ ދަތިތަކެއް ދިމާވެފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.
އެޗްޑީސީން ބުނީ އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.