ޚަބަރު

ނިކީ މެހެރާއަށް ޚާއްޞަކޮށްގެން ފެމިލިއަލައިޒޭޝަން ދަތުރެއް ކުރިއަށްގެންގޮސްފި


  • މި ދަތުރު ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 6 އަށް

އިންޑިއާގެ އިންފްލުއެންސަރ ނިކީ މެހެރާއަށް ޚާއްޞަކޮށްގެން ރާއްޖޭގެ ލަގްޒަރީ އަދި ރޮމޭންޓިކް ހުށަހެޅުންތައް ތަޖުރިބާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ފެމިލިއަލައިޒޭޝަން ދަތުރެއް ކުރިއަށްގެންގޮސްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަމިއްލަ މޯލްޑިވްސްއާއި އެކު މި ދަތުރު ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފެމިލިއަލައިޒޭޝަން ދަތުރަކީ އިންޑިއާގެ މަޝްހޫރު މޮޑެލް، ފެޝަން، ބިއުޓީ އަދި ޓްރެވަލް ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ނިކީ މެހެރާއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. ނިކީ މެހެރާއަކީ ތަފާތު ސްޓައިލާއެކު އިންޑިއާގެ ފެޝަން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އަދި ބައި މިލިއަނަށްވުރެ ގިނަ ފަރާތްތައް ނިކީގެ ސޯޝަލް މީޑިއާ ފޮލޯކުރެއެވެ. ނިކީ މެހެރާ ސަނީ ސައިޑް އޮފް ލައިފްގައި ހޭދަކުރި ދުވަސްތަކުގައި, ނިކީ މެހެރާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގައި ހޭދަކުރި ލަގްޒަރީ ތަންތަނާއި, ރޮމޭންޓިކް މަންޒިލްތައް ޙިއްޞާކޮށްފައެވެ.

މި ދަތުރުގައި ނިކީ މެހެރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިރާއްޖެ އިޝްތިހާރުކޮށްފައިވާއިރު، ރާއްޖޭން ތަޖްރިބާކުރެވިދާނެ އިތުރުކަންކަމުގެ މައްޗަށް އަލިއަޅުވާލިއެވެ. މީގެ އިތުރުން މި އިންފްލުއެންސަރ ދަތުރުގެ ސަބަބުން އެމްއެމްޕީއާރުސީގެ ލަގްޒަރީ ޓްރެވަލް ސެގްމަންޓާއި ހަނީމޫން މާކެޓުގައި ކުރިއެރުން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ހަމަ އެއާއެކު ރާއްޖެއަކީ އިންޑިއާގެ ދަތުރުވެރިންނަށް އެންމެ ބޮޑު ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައި މި ދަތުރުގައި ދައްކައިދީފައިވަކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އިންޑިއާގެ މާކެޓަކީ ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް މުހިންމު މާކެޓަކަށްވެފައި، މެއި މަހުގެ 13 ވަނަ ދުވަހާ ހަމައަށް 46,970 ޓޫރިސްޓުންނާ އެކު މިހާރު ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގައި އޮތީ އިންޑިއާއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީއިން ވަނީ މިއަހަރުގެ ކުރީކޮޅު ބޭއްވި އޯޓީއެމް އަދި ސަޓޭގައި ރާއްޖެ ތަމްސީލް ކޮށްފައެވެ.

އެމްއެމްޕީއާރުސީ އަކީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި އެކަން ހާސިލްކުރުމަށް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ. އޭގެ ތެރޭގައި ޖޮއިންޓް ކެމްޕެއިންތަކާއި ފެމިލިއަލައިޒޭޝަން ދަތުރުތަކާއި ބޮޑެތި އިވެންޓްތަކުގައި ބައިވެރިވުމާއި އެހެނިހެން ކެމްޕެއިންތައް ވެސްހިމެނެއެވެ.