ޚަބަރު

އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގައި ޓްރެއިނިން ފެސިލިޓީތައް ހުންނާނެ: ވަޒީރު


  • މިވަގުތު ނަރުސްކަމުގެ ކޯސްތައް ކުރިއަށްގެންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި

މި ސަރުކާރުން އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތައް ތަރައްޤީކުރާނީ ޓްރެއިނިން ފެސިލިޓީސްތަކާއެކުކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު ވިދާޅުވީ ނަރުހުންނަކީ ޔުނިވާސިޓީތަކުގައި ކިޔެވުން ނިންމާ ހިސާބުން، ކިޔެވުން ނިމޭނެ ބައެއް ނޫންކަމަށެވެ. އަދި ކިޔެވުން ނިންމާލުމަށްފަހުވެސް ތަކުރާރުކޮށް ފަހުގެ ރިސާޗް ޕޭޕަރުތައް ބަލައި އިތުރަށް ކަންކަން ދެނެގަންނަން ޖެހޭ ބަޔަކަށް ނަރުހުން ވާންޖެހޭއިރު، ތަމްރީންތައް ބޭނުންވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަންކަމަށް އިސްކަން ދިނުމާއެކު ހޮސްޕިޓަލްތައް ތަރައްޤީކުރާނީ ޓްރެއިނިން ފެސިލިޓީޒްތަކާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ ޑިޒައިނަށްވެސް ބަދަލު ގެނެސް އެތަނުގައި ސްޓޭޓް އޮފް ދި އާޓް ޓްރެއިނިން ފެސިލިޓީއެއް ގާއިމް ކުރައްވާނެކަމަށެވެ.

"ޚާއްސަ ގޮތެއްގައި މިކަމަށް އިސްކަން ދޭތީއާ އެއްކޮށް، މިހާރު އަޅުގަނޑުމެން ނިންމާފައި ވާނީ ހޮސްޕިޓަލެއް ވިއަސް، ހޮސްޕިޓަލެއް ޚާއްސަ ގޮތެއްގައި ޑިޒައިން ކުރެވިގެން ދާއިރު އެތަން ނިމޭއިރުގައި ޓްރެއިނިން ފެސިލިޓީ ހުންނަ ގޮތަށް އެތަން ޑިޒައިން ކުރަން." ސިއްޙަތާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުުުޅުގައި ވަނީ ނަރުހުންނަކީ ވަރަށް ގިނަ ދާއިރާތަކުން ކުރިއަށް ދެވޭނެ ބައެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުވަސްވީ މީހުންނަށް ޚިދުމަތް ދިނުމުގެ ދާއިރާ ފުޅާކުރަން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެދާއިރާއިން ޚިދުމަތް ދިނުމަށްޓަކައި ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކޯސްތަކެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މިވަގުތު ނަރުސްކަމުގެ ކޯސްތައް ކުރިއަށްގެންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. އަދި އިތުރު ތަމްރީން ހޯދުމަށް ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ. މީގެ އިތުރަށް އިންޓާންޝިޕް ހަދަނީ އައިޖީއެމްއެޗްއާއި ބައެއް އަމިއްލަ ހޮސްޕިޓަލުތަކުގައެވެ.

ނަރުސްކަން ކިޔަވާ ކުދިންގެ ޑިމާންޑް އިތުރުވުމާއެކު ޤައުމީ ޔުނިވަރސިޓީއަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި ސްކޫލް އޮފް ނަރސިންގެ އައު އިމާރާތެއް އެޅުމަށް ނިންމާ އެތަން އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ޔުނިވަރިސިޓީން ވަނީ އިޢުލާންކޮށްފައެވެ.