ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އެ ފައިސާ ހޯދިގޮތުގެ ތަފްޞީލު ހާމަކުރަންޖެހޭ ގޮތަށް އުޞޫލު އިސްލާހުކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއާއި އެވުޒާރާގެ ދަށުން ހިންގާ މުވައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ކުށުގެ ފައިސާ ހޯދުމަށް ފަހު ރާއްޖެއިން ބޭރަށް ގެންދާކަން ފާހަގަ ކުރެވޭ ކަމަށާއި އެ ކަން ހައްލުކުރުމަށް ޑޮލަރު ގެންދެވޭ އުޞޫލު ބަދަލުކޮށްފައިވާކަމަށެވެ.
އުޞޫލަށް ގެނައި ބަދަލަކީ 10،000 ޑޮލަރަށް ވުރެ އިތުރަށް، ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އެ ފައިސާގެ ހޯދިގޮތް ހާމަކުރަން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކަސްޓަމްސްގެ ކޭޝް ޑިކްލެރޭޝަން ގަވައިދަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ، ވަކިއަދަދަަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އާމްދަނީ ލިބޭ ގޮތުގެ ތަފްޞީލު ހާމަކުރަން ޖެހުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެއީ ބައިނަލްއަޤްވާމީ އިދާރާތަކުން އެކަމަށް ކަނޑައަޅާފައި އޮންނަ މިންގަނޑުތަކުގެ ދަށުން އަމަލުކުރާގޮތްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެމަނިކުފަނު ވުޒާރާއާއި ހާވާލުވެވަޑައިގެންނެވި އިރު، ލޭބަރުންގެ ގޮތުގައި ރާއްޖެ އަންނަ މީހުން ވެސް، ލައްކައިން ޑޮލަރު ހިފައިގެން ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭއިން ބޭރަށްދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. މިހާރު އެގޮތަށް ގެންދާ ޑޮލަރު ހިފަހައްޓާނެކަމަށާއި، ދިވެއްސަކު ވިޔަސް ބިދޭސީއަކު ވިޔަސް އެ އުޞޫލުން އަމަލުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް، ރާއްޖޭން ބޭރަށް، 10،000 ޑޮލަރަށް ވުރެ މަތިން، ދިވެހި ފައިސާ ވިޔަސް، ބޭރު ފައިސާ ވިޔަސް، ކިހިނެއް ލިބުނު ފައިސާއެއް ކަން، ރަނގަޅަށް ބުނެ ނުދެވޭހާ ހިނދަކު، އެ ފައިސާ އަޅުގަނޑުމެން ދުލެއް ނުކުރާނަން." ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.
އެގޮތަށް ގިނައަދަދަކަށް ފައިސާ ބޭރަށް ގެންދާނަމަ، އެފަރާތަކާއި ސުވާލުކޮށް، ފައިސާ ހޯދި ގޮތާއި ބެހޭގޮތުން ދައްކާ ވާހަކަ އަކީ ޤާނޫނީ އިމުގެ ތެރެއިން ބަލާ އިރު، ހަމަޖެހޭ ވާހަކައެެއްތޯ ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން އެޅުއްވި މި ފިޔަވަޅާއި އެކު، ރާއްޖެ އިން ބޭރަށް ގަވާއިދާ ޚިލާފަށް ބޮޑު އަދަދުން ފައިސާ ބޭރުކުން މިވަނީ ހުއްޓުމުކަށް ގެނެވިފައެވެ.